މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ފަދަ ހިތާމަވެރި ހާދިސާތައް ހިނގާ އެއް ސަބަބަކީ މާލޭގައި އޮތް ތޮއްޖެހުން ކަމަށާއި މިކަން ހައްލުކޮށް، ބިލްޑިންގް ކޯޑު ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރޭގެ ހާދިސާގައި އިތުރު ގެތަކަށް އަލިފާން ފެތުރުނަ ނުދީ ހިފެހެއްޓުނީ ސިފައިން އަވަހަށް އެޓެންޑުވެ، ކުރި މަސައްކަތުން ކަމަށެވެ.

"މި ކަހަލަ އިންސިޑެންޓް ހިންގުން މަދުކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ. ބިލްޑިން ކޯޑް ހަރުދަނާ ކުރަންޖެހޭ. ބައެއް ކަންކަން އަޅުގަނޑުމެންނަށް ކުރެވިފައި ވެސް އެބަހުރި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އަލިފާނުގެ މިފަދަ ބޮޑު ހާދިސާއެއް މާލޭގައި އެންމެ ފަހުން ހިނގީ ސެޕްޓެމްބަރު 2019 ގަ އެވެ. އެ ހާދިސާގައި ދިވެހި އަންހެނަކު މަރުވެ، ހަ ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވި އެވެ. އަދި 400 ވަރަކަށް މީހުންގެ ގެދޮރު ގެއްލިފައިވެ އެވެ. އެ ފަހަރު އަލިފާން ރޯވީ ހ. އަބަދަށްފެހި މަގުގައި ހުންނަ ތިލަފުށިގޭގަ އެވެ.

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.

"އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ގެއްލުންތަކެއް ލިބިފަ. މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ދަނީ ބަލަމުން. ނިޔާވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ފޮނުވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކޮށްފައިވާ ކަމަށާއި މާލޭގައި ކެމިކަލް ގުދަން ހުރެގެން ނުވާނެ ކަމަށެވެ. އަދި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލު ކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މާލޭގައި އެންމެ މުހިންމީ ތޮއްޖެހުމަށް ހައްލެއް ގެނައުން. ދެން އޮތީ ގަރާޖުރަކާއި ވޯކްޝޮޕްތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލުކުރުން. މިއީ މިހާރުން މިހާރަށް ހައްލު ކުރަން ޖެހިފައިވާ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މާލޭގައި ރޭ އަލިފާނުގެ ހާދިސާ ހިނގި ގެއަކީ ބިދޭސީ މަސައްކަތްތެރިން ގިނަ އަދަދަކަށް ތިބި ތަނެކެވެ. އެ ތަނުގައި ތިބީ އިންޑިއާއާއި ބަންގުލަދޭޝާއި ލަންކާ މީހުންނެވެ. މި ހާދިސާ ހިނގި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު މި ހާދިސާ ހިނގި ގަރާޖުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަލިފާނުގެ ހާދިސާތައް ހިނގާފައިވާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފައިވެ އެވެ.