މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވި މ.ނިރުފެހިގޭގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި އެވެ.

މ. ނިރުފެހިގޭގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސަސް ޑިޕާޓްމަންޓުންނެވެ.

އަލިފާނުގެ ހާދިސާގައި ނިރުފެހިގޭގެ ބޮޑު ބައެއް ވަނީ އަނދާ އަޅިއަށްވެފަ އެވެ. ފެންނަންހުރީ، ގޭގެ ކޮންކްރީޓް ތަނބުތަކާ ޝީޓްތައް އެކަންޏެވެ. ގޭގެ އެތެރެ ހަދާފައިވަނީ ލަކުޑިންނެވެ. އެހެންކަމުން އެ ގެ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފަ އެވެ.

މިނިސްޓްރީން އެ ގެ ތަލާލުމުގެ މަސައްކަތް ކުރަމުންދަނީ، އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާ ތަނަކަށްވުމާއެކު އެ އިމާތާރުގެ ސަބަބުން އިތުރު ގެއްލުންތަކެއް ވެދާނެތީ އެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ އެ ގޭގެ ތިރީ ބައިގައި ހިންގަަމުން އައި ގަރާޖުގެ ދޮރު ނައްޓާލައި އެ ތަން މިހާރު ވަނީ ސާފުކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދިހަ މީހަކު މަރުވެފައިވާއިރު ރޯވި ގެޔަކީ ދެ ފަންގިފިލާއަކަށް ހަދާފައިވާ ތަނެކެވެ. އަދި މައްޗަށް ހުރި ދެ ފަންގިފިލާ ބޭނުންކުރަމުން އައީ، ބިދޭސީން ދިރިއުޅުމަށެވެ. އިމާރާތް ހުރީ ޕަރޓިޝަން ޖަހާ، ކުދި ގޭބިސީތަކަކަށް ހަދާ، ކުއްޔަށް ދީފަ އެވެ.

އަލިފާނުގެ ހާދިސާގައި، ނިރުފެހިގެއާ އިންވެގެން ހުރި ގޭގޭގެ އިމާރާތްތަކުގެ ސްޓްރަކްޗާއަށް ގެންލުން ލިބުނުތޯވެސް، ޕްލޭނިން މިނިސްޓްރީން ބަލާނެ އެވެ. އަދި އަލިފާނުގެ ހާދިސާގެ ސަބަބުން ގެއްލުން ލިބިފައިވާ ވެހިކަލްތައްވެސް އެ ސަރަހައްދުން ނަގާނެ އެވެ.