ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަސް ސްކޫލެއް އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބިން ހަވާލުކޮށްފި އެވެ.

މި ފަސް ސްކޫލުގެ ތެރެއިން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަޅަނީ ހަތަރު ސްކޫލެކެވެ. އަނެއް ސްކޫލު އަޅަނީ އަމިއްލަ ފަރާތްތަކުންނެވެ.

އެޗްޑީސީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ހަތަރު ސްކޫލް އެޅުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މެދުތެރެއިން ދޫކުރާ މިބިންތަކުގެ ބޮޑުމިނުގައި 50،000 އަކަފޫޓުގެ ދެ ބިމަކާއި 66،000 އަކަފޫޓުގެ ބިމަކާއި 70،000 އަކަފޫޓުގެ ބިމެން ހިމެނެ އެވެ.

އެޗްޑީސީން ބުނީ ސްކޫލްތައް އެޅުމަށް ބިން ދޫކުރާ ސަރަހައްދުތައް ކަނޑައެޅުމުގައި ބަލާފައިވަނީ، އާއްމުން އެންމެ ބޮޑަށް އާބާދުވާނެ ސަރަހައްދުތަކަށް ކަމަށެވެ. މިވަގުތު ވެސް ސޯޝަލް ހައުސިންގެ ގިނަ މަޝްރޫއުތައް ކުރިއަށްގެން ދަނީ، ފޭސް ދޭއްގެ މެދުތެރޭގަ އެވެ.

މި ޕްރޮޖެކްޓްގެ އަމާޒަކީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް މިހާރު ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކާއި، ކުރިއަށްހުރި މަޝްރޫއުތަކުގައި ދިރިއުޅުން ބަދަލުކުރާ އާއިލާތަކުގެ ދަރިވަރުންނަށް ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ސްކޫލްތަކަކީ، 1،000 ދަރިވަރުންގެ ޖާގައިގެ ސްކޫލްތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ. އަދި މި ސްކޫލްތައް ފަރުމާކޮށްފައިވަނީ ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދެވޭނެހެން، އެއްދަންފަޅީގެ ސްކޫލްތަކުގެ ގޮތުގައެވެ.

އެޗްޑީސީން ވަނީ އަމިއްލަ ފަރާތެއްކަމަށްވާ އައިލެންޑަރސް އެޑިއުކޭޝަނުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސްކޫލެއް އެޅުމަށްވެސް ބިން ހަވާލުކޮށްފަ އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އަދި އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަބްދުލް ރަޝީދެވެ. ސްކޫލް އެޅުމަށް 48،000 އަކަފޫޓުގެ ބިމެއް ވަނީ ދީފަ އެވެ.

މި ސްކޫލް ވެގެންދާނީ ކައުންސިލް އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން އެކްރެޑިޓްކޮށްގެން ހިންގާ ސްކޫލަކަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިވަގުތުވެސް ހަތަރު ސްކޫލެއްގެ މަސައްކަތް ކުރިއަށްދެއެވެ. މިހާތަނަށް ފޭސް ދޭއްގައި ކިޔަވައިދޭން ފަށާފައިވަނީ އެންމެ ސްކޫލެއްގައެވެ. އެ ސްކޫލްގެ ކިޔެވުން ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ.