ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ވެރިންނާއި، މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

އެމްއެމްޕީއާރްސީގެ މުވައްޒަފުންނަށް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވީ މިއަދު ރައީސް އެތަނަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވޯލްޑް ޓްރެވަލް އެވޯޑްގައި، ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑާއި، ވޯލްޑް ލީޑިން ޓޫސްޓް ބޯޑް އެވޯޑް ރާއްޖެއަށް ލިބިފައިވާތީ އެކަން ޚާއްޞަގޮތެއްގައި ފާހަގަކުރައްވައި، އެމްއެމްޕީއާރްސީގެ ވެރިންނާއި މުވައްޒަފުންނަށް ޝުކުރާއި މަރުޙަބާ ވިދާޅުވި އެވެ. ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑު އެވޯޑް ރައްޖެއަށް ލިބުނު މިއީ ފުރަތަމަ އަހަރެވެ. އަދި، ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ވަނީ މި އަހަރާއެކު ވިދިވިދިގެން ތިން އަހަރު ލިބިފަ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ކޯވިޑްގެ ދަތި ދުވަސްވަރު ވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރި މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އަދި، ފާތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރުކަން ފާހަގަކުރައްވައި، ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި އެވެ.

އެމްއެމްޕީއާރްސީއަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެ އިދާރާގެ މުވައްޒަފުންގެ ފަރާތުން ރައީސް ސޯލިހަށް ވަނީ ހަނދާނީ ފިލައެއް އަރުވައިފަ އެވެ. މީގެ އިތުރުން ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ގެންގުޅޭ 'ޓޭލްސް އޮފް މޯލްޑިވްސް' ފޮތްތަކުގެ ކޮޕީއަކާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީން 2021 ވަނަ އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ފޮތެއް ރައީސަށް ވެދުމަށް އެރުވި އެވެ.