އެފްއެސްއެމްގެ ފެޓްރޯލް ޝެޑްތަކުން ސައިކަލަށް ފެޓްރޯލް އެޅުމަށް ފަހު އުރީދޫގެ ޑިޖިޓަލް ވޮލެޓު "އެމް-ފައިސާ" މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.
މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް އެފްއެސްއެމްގެ މާލެ ސަރަހައްދުގެ ފަސް ޝެޑަކަށް ފެޓްރޯލް އެޅުމަށްފަހު ފައިސާ ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ އެވެ. އެއީ މާލޭގައި ހުންނަ ހަތަރު ޝެޑާއި ހުޅުމާލޭގައި ހުންނަ ޕެޓްރޯލް ޝެޑެވެ.
އެފްއެސްއެމްގެ ހިދުމަތްތަކަށް އުރީދޫގެ ޑިޖިޓަލް ވޮލެޓުން ފައިސާ ދެއްކޭ ގޮތް ހަމަޖެއްސުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ.
މިއަދުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން އެފްއެސްއެމްގެ ހިދުމަތްތަކަށް އެމް-ފައިސާ ވޮލެޓުން ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ހޮންޑާ ސްކޫޕީ ސައިކަލެއް ލިބިގެންދާނެ އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ގަސަމް ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ދުވަހުން ދުވަހަށް އެ ކުންފުނިން ދޭ ހިދުމަތް ރަނގަޅު ކުރުން ކަމަށެވެ. މީގެ ކުރިން އެފްއެސްއެމްގެ ޝެޑްތަކުން ހަމައެކަނި ޕޭމަންޓް ހެދެނީ ނަގުދު ފައިސާއިންނެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ވަނީ ނަގުދު ފައިސާ ނޫން ގޮތްގޮތައް ވެސް ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސާފަ އެވެ.
އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ، މިއީ އެ ކުންފުނިން ޑިޖިޓަލް ޓެކްނޮލޮޖީއަށްދިއުމަށް ކުރާ މަސައްކަތައް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން އަތުގައި އޮންނަ ފޯނު މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.