ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ޓްވިންކަލް ކަންނާގެ ފިރިހެން ދަރިފުޅު އާރާވް ކުމާރު ފިލްމީ ދާއިރާއަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.

އަކްޝޭ އާއި ޓްވިންކަލްގެ 20 އަހަރުގެ ދަރިފުޅާ ބެހޭ ގޮތުން އަކްޝޭ ބުނީ އާރަވް ފިލްމުތަކަށް ލޯބި ޖެއްސޭތޯ އަމިއްލަ ފިލްމުތައް ދައްކަން މަސައްކަތްކުރުމާއި ފިލްމީ ވާހަކަތައް ކިޔައިދޭން އުޅުނަސް އެއްވެސް ވަރެއްގެ ޝައުގުވެރި ކަމެއް ނުދޭ ކަމަށެވެ. އަދި އޭނާ ޝައުގުވެރިކަން ހުންނަނީ ފެޝަން ޑިޒައިނިން ދާއިރާއިން ކަމަށް ވެސް އަކްޝޭ ބުންޏެވެ.

"އޭނަ ބޭނުންވޭ ކިޔަވަން. އަދި ފެޝަން ޑިޒައިނިން އަކީ އޭނަ ކުރިއަށް ދާން ވަރަށް ބޭނުންވާ ދާއިރާއެއް ކަމަށް ފެންނަނީ،" އަކްޝޭ ބުންޏެވެ.

އުމުރުން 55 އަހަރުގެ އެކްޓަރު ބުނީ އޭނާގެ ދަރިފުޅު އާރްވާ ބޭނުން ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ވަކި ދާއިރާއަކުން ކުރިއަށް ދިޔުމަށް ބާރު ނާޅާ ކަމަށް ވެސް އޭނާ ބުންޏެވެ.

އާރަވްއަކީ އަކްޝޭ އާއި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ހަގަށް ހުންނަނީ ނިތާރާ ކުމާރު، 10، އެވެ.

ޓްވިންކަލް އާއި އާރްވާ

މަޝްހޫރު ތަރިން ކަމަށްވާ ކުރީގެ ސްޕަސްޓާރު ރާޖޭޝް ކަންނާ އާއި ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ދަރިފުޅު ޓްވިންކަލް އަކީ ވެސް ކުރިން ބަތަލާއެކެވެ. އެކަމަކު 2001 ގައި އަކްޝޭއާ ކައިވެނިކުރި ފަހުން އޭނަ ވަނީ ފިލްމު ކުޅުން ހުއްޓާލައިފަ އެވެ.

ޓްވިންކަލް އަކީ އިންޓީރިއާ ޑިޒައިނެއްގެ އިތުރުން ލިޔުންތެރިއެކެވެ. އޭނަ ބައެއް ފޮތްތައް ވެސް ނެރެފައިވާ އިރު، މިހާރު އަންނަނީ އިނގިރޭސިވިލާތުގައި ވާހަކަ ލިޔަން ދަސްކުރާ ކޯހެއް ވެސް ހަދަމުންނެވެ.