ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓަށް އަންހެން ކުއްޖަކު ލިބުނީ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. ދަރިފުޅު އުފަންވުމާއެކު ކަޕޫރު އާއިލާއަށް ބޮޑު އުފަލެއް ލިބިފައިވާއިރު، އާލިއާ އާއި ރަންބީރުގެ ފޭނުން ވެސް ތިބީ އެމީހުންގެ ދަރިފުޅު ދެކިލުމުގެ އިންތިޒާރުގަ އެވެ.

އެހެންނަމަވެސް ދަރިފުޅުގެ އެއްވެސް ފޮޓޯއެއް އަދި މިހާތަނަށް ފޭނުންނަށް ފެންނަވަރެއް ނުވެ އެވެ. އަދި މީގެ އިތުރުން އެ ދެ ތަރިންގެ ގިނަ ފޭނުން އަންނަނީ އެ ކުއްޖާގެ ނަމަށް އިންތިޒާރުކުރަމުންނެވެ.

މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ދަރިފުޅަށް އަލްމާ ކިޔަން ވެސް ވާހަކަ ދެކެވިފައިވެ އެވެ.

ނަމަވެސް ފިލްމީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ކުއްޖާ އަށް ނަން ދޭން ނިންމާފައި ވަނީ ކާފަ ރިޝީގެ ނަމާ ގުޅުވައިގެންނެވެ. މިއީ އާލިއާ އާއި ރަންބީރުގެ ފަރާތުން ރިޝީއަށް ދޭ ޓްރިބިއުޓެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި އެގޮތަށް ދަރިފުޅަށް ނަން ދޭން ރަންބީރާއި އާލިއާ ނިންމާފައިވާތީ ރަންބީރްގެ މަންމަ ނީތޫ ސިންގް މިކަމާ ހުރީ ވަރަށް އުފަލުނެވެ. އެހެންވެ މާ ލަސްތަކެއް ނުވެ ރަސްމީކޮށް ދަރިފުޅުގެ ނަން އިއުލާން ކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ވިހެއި ފަހުން އާލިއާ ފުރަތަމަ ފޮޓޯ ހިއްސާ ކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު އިންސްޓެގްރާމް ހެންޑްލްއަށް ދޫކުރި ފޮޓޯއިން ފެންނަނީ "މާމާ" ޖަހާފައި އިން ޖޯޑެކެވެ.

ރިޝީ ވަނީ ލޭގެ ކެންސަރު ބަލީގައި އެޕްރީލް 29، 2020 ގައި މަރުވެފަ އެވެ. ރަންބީރްގެ ދަރިފުޅު އުފަންވީ ރިޝީ މަރުވި ހޮސްޕިޓަލް ކަމަށްވާ މުމްބާއީގެ ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލް ގަ އެވެ.