ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ހުޅުމާލޭގައި ދެއްކުމުގެ ގޮތުން އެޗްޑީސީއިން ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގެ ސިންތެޓިކް ޓްރެކާއި ހިޔާ ސަރަހައްދުގައި ބޮޑު ސްކްރީން ބަހައްޓާނެ ކަމަށެވެ. މިއީ މާލެ ސަރަހައްދުގައި ބަހައްޓާ އެންމެ ބޮޑު ދެ ސްކްރީން ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރީގައި އެއްތަނަކުން ވޯލްޑްކަޕް ބެލޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ. އެގޮތުން ސްކްރީން ބެހެއްޓުމަށް ލެޑް ޕެނަލް ދިނީ ސްޓެލްކޯއިންނެވެ.
ދިވެހިންގެ މެދުގައި މަގުބޫލު ކުޅިވަރެއްކަމުގައިވާ ފުޓް ބޯޅައިގެ އެންމެ ބޮޑު އީދު ކަމަށްވާ ވޯލްޑް ކަޕް ބެލުގެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސަން ނިންމީ ދިވެހިންނަށް ފޯރި ނަގަމުން މި މުބާރާތް ބަލާލައި, އެކުވެރި މާހައުލެއްގައި ފުޓު ބޯޅައިގެ އީދުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުގެ ގޮތުން ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ އެންމެ ފުރިހަމަ ގޮތުގައި އެކަންކަން ފޯރުކޮށްދިނުމެވެ. އެގޮތުން އާންމުން ބޭނުންވާ ކަންކަން ގާތުން ބަލާ އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް މި އަބަދުވެސް ކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.