ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާގޮތަށް ދޭން ކުޅުނު ޓެރަރިޒަމް ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި 14 މީހުންގެ ތެރެއިން ބައެއް މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.

ޓެރަރިޒަމާ ދެކޮޅަށް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާލެ، އައްޑޫ އަދި ކ. ގުރައިދޫގަ އެވެ. މިއީ އެއްޗެއް ގޮއްވާލައިގެން ގިނަ ބަޔަކު މަރާލުމުގެ މަގުސަދުގައި ދޭން އުޅުމުން އެ ހަމަލާއެއް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަނެކެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ 14 މީހުންގެ ތެރެއިން 10 މީހުން ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީންނެވެ. އަދި ދެ މީހަކު މާލެއިން، ދެ މީހަކު ކ. ގުރައިދޫން ވަނީ ހައްޔަރުކޮށްފަ އެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 46 އަހަރާ ދެމެދުގެ މީހުންނެވެ. މި މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. އަދި ބާކީ ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް 30 ދުވަސް އަދި އަނެއް ބައި މީހުންނަށް 15 ދުވަސް ޖެހި އެވެ.

ހައްޔަރުކުރި 14 މީހުންގެ ތެރެއިން 9 މީހުންނަކީ ޓެރަރިޒަމްގެ މައްސަލައިގެ ރެކޯޑް އޮތް މީހުން ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މި އޮޕަރޭޝަންގެ އަދިވެސް އައްޑޫ ސީޓީގައި ކުރިޔަށް ގެންދެ އެވެ.

ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އައްޑޫ ސިޓީގެ ބައެއް ގޭގޭގެ އިތުރުން ހައްޔަރުކުރި މީހުންގެ ގެންގުޅޭ ބައެއް ތަކެތި ވެސް ދަނީ ބަލާ ފާސްކުރަމުންނެވެ. މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ބުނީ އޮޕަރޭޝަންގައި ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކޮށްގެން އައްޑޫގެ ބައެއް ތަންތަން ބަލާ ފާސް ކުރުން ވެސް ކުރިއަށްދާ ކަމަށެވެ.