މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕްގައި ރޭ އިންގްލެންޑާ ދެކޮޅަށް އިރާން ކުޅުނު މެޗުގައި އަމިއްލަ ގައުމުގެ ގައުމީ ސަލާމް ކިޔަން ވެސް އިރާންގެ ކުޅުންތެރިން ދެކޮޅު ހަދައިފި އެވެ.

އީރާނުން ގައުމީ ސަލާމް ކިޔަން ދެކޮޅު ހެދީ އަމިއްލަ ގައުމުގައި ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް ތާޢީދުކުރާކަން ހާމަކުރުމުގެ ގޮތުންނެވެ.

ގައުމީ ސަލާމުގެ ތެރެއިން ބައެއް ސަޕޯޓަރުން ހަޅޭއްލަވައި އަޑުގަދަ ކުރިއިރު އަނެއް ބަޔަކު ވަނީ "ވުމަން، ލައިފް، ފްރީޑަމް" ލިޔެފައިވާ ނިޝާންތައް ހިފަހައްޓައިފަ އެވެ.

ގައުމީ ސަލާމް ކިޔަން އިރާންގެ ކުޅުންތެރިން ދެކޮޅު ހެދީ، އިރާންގައި އަންހެނުންނަށް ބުރުގާ އެޅުން މަޖުބޫރުކޮށްފައި ވަނިކޮށް، ބުރުގާ ނާލައި އުޅުނު މީހަކަށް އާންމުންގެ ބަޔަކު ހަމަލާ ދީފައި ވަނިކޮށް އޭނާ މަރުވުމުންނެވެ. މަހްޝާ އަމީނީ ނަމަކަށް ކިޔާ މީހާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުންނެވެ.

އެ ހާދިސާއަށްފަހު، އީރާނުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ވަނީ ފަށާފަ އެވެ. މިމުޒާހަރާތަކާއި ގުޅިގެން އީރާނުގެ ސަލާމަތީ ބާރުތަކުން ހިންގި ފިޔަވަޅުތަކުގެ ތެރޭގައި މުޒާހަރާގެ ބައިވެރިން 400 އަށް ވުރެ ގިނަ މީހުން މަރުވެ، އިތުރު 16،800 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓުން ބުނެފި އެވެ.

އިރާންގެ ގައުމީ ޓީމުގެ ސަޕޯޓަރުން

ގައުމީ ސަލާމް ނުކިޔުމަކީ އީރާނުގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުން މުޒާހަރާ ކުރާ މީހުންނާއި އެކު ވާކަން ދެއްކުމުގެ ގޮތުން ނިންމި ފުރަތަމަ ނިންމުމެއް ނޫނެވެ. އެހެނީ މީގެ ކުރިން، ސެޕްޓެމްބަރު މަހުގައި، އެ ޓީމުން ސެނެގާލް އާއި ދެކޮޅަށް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗެއްގައިވެސް މުޒާހަރާވެރިންގެ ހައްގުގައި އެޓީމުން ވަނީ ގައުމީ ޖާރޒީގެ ރަތް ކުލަ ފޮރުވުމުގެ ގޮތުން އޭގެ މަތިން ކަޅު ޖެކެޓު ލައިފަ އެވެ.

ދުނިޔޭގެ އެތައް ބަޔަކު ބަލަމުންދިޔަ ވޯލްޑް ކަޕް ގެ މެޗު ފެށުމުގެ ކުރިން، ގައުމީ ސަލާމް ޖަހަމުންދިޔަ ވަގުތު އެ ނުކިޔައި ތިބުމަކީ އީރާނުގެ ކުޅިވަރު ކުޅޭ ޓީމަކުން މިހާތަނަށް ނިންމި އެންމެ ބޮޑު ނިންމުން ކަމަށް ބޭރުގެ މީޑިއާ ތަކުން ބުނެ އެވެ. މީގެ ސަބަބުން ކުޅުންތެރިންނަށް ކުރިމަތިވެދާނެ ކަންކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.