ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިހަށް ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅެއް އެ ގައުމުގެ ވެރިޔާއަށް އެރުވުމަށެވެ. އެ ސިޓީ ފުޅުގައި އޮތް އެއްޗެއްގެ ވާހަކަ އެކަކު ވެސް ނުދައްކަ އެވެ. އެކަކު ނުދެއްކި ކަމަށް ވިޔަސް އެއީ އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ.

ދުނިޔޭގެ މުއަސަނދި ގައުމުތަކުގެ ވެރިންނަށް ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ ފޮނުއްވާ މި ބާވަތުގެ ސިޓީފުޅުތަކަކީ މާލީ އެހީތެރިކަމަށް އެދިވަޑައިގެން ފޮނުއްވާ ސިޓީފުޅުތަކެއް ކަމީ ގާތްގަނޑަކަށް ޔަގީން ކަމެކެވެ. މި ފަހަރުގެ ސިޓީފުޅު މި ފޮނުއްވެވި ވަގުތަކީ މާލީ އަހަރެއް ނިމި އާ އަހަރަށް ބަޖެޓު ފާސްކުރުމުގެ މަސައްކަތް ކުރެވެމުން ދިޔަ ދަނޑިވަޅުކަމުން ސަރުކާރަށް މި ބާވަތުގެ ސިޓީ ލިޔަން ބޭނުން ޖެހިފައިވާ މިންވަރު އަންދާޒާ ކޮށްލަން މާ އުނދަގުލެއް ނުވާނެ އެވެ.

ރިކޯޑު މިންވަރަކަށް ބޮޑު ބަޖެޓެއް ފާސް ކުރިއިރު، ފާއިތުވެ ދިޔަ އަހަރުގެ ބަޖެޓު އޮތީ ލިބުނު އެއްޗަކަށް ވުރެ ޚަރަދު އެތައް ގުނައެއް ވަނީ ބޮޑުވެފަ އެވެ. އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުން އަންނަ ބަޖަޓަށް ބޭނުންވާ ފައިސާ ނުލިބި އެހީ ހޯދަން ދުނިޔޭގެ އެކި ފެންވަރުގެ ގައުމުތަކަށް ރާއްޖެއިން ހިނގަން ޖެހިފައިވާއިރު ކޮށްލަން ރަނގަޅު އެއް ސުވާލަކީ ދެ ރިސޯޓާއި ލެޕްޓޮޕަކުން ރާއްޖެ ނުހިންގިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

ދެ ރިސޯޓާއި ލެޕްޓޮޕަކުން ރާއްޖެ ހިންގޭނެ ކަމަށް ވިދާޅުވިކަމަށް ވަނީ ކުރީގެ ރައީސް މުހަންމަދު ނަޝީދެވެ. އެމަނިކުފާނު އެގޮތަށް ވާހަކަފުޅު ދެއްކެވީ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ދިގު ވެރިކަން ނިމުމަކަށް ގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގަ އެވެ. މި ވާހަކަފުޅުގެ މަގުސަދެއް ކަމަށް ފެންނަނީ ރާއްޖޭގެ މަދު މީސްކޮޅަށް ޚިދުމަތް ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަކީ މާ އުނދަގޫ ކަމެއް ނޫން ކަމާއި ސަރުކާރު ހިންގަން މާގިނަ ބަޔަކު ވެސް ބޭނުން ނުވާނެކަމެވެ. އެއީ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު ވާހަކަފުޅެއް ކަމުގައި ފެނެ އެވެ.

ހަތަރު ލައްކައެއްހާ އާބާދީއަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ފައިސާއަކީ ވެސް، އެ ޚިދުމަތް ދޭން ބޭނުންވާ މީހުންގެ މިންވަރަކީ ވެސް ވަރަށް ކުޑަ މިންވަރެއްކަމުގައި ބެލެވެ އެވެ. އަމުދުން ޓެކްނޮލޮޖީގެ ގޮތުން މިއަދު ލިބިފައިވާ ކުރިއެރުމާއެކު ސަރުކާރު ހިންގުމަށް ބޭނުންވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށް ކޮށްލެވިދާނެ ކަމުގައި ބެލެވެ އެވެ.

ކުރީގެ ރައީސް ނަޝީދު އެ ދެއްކެވީ އެ ވާހަކަފުޅެވެ. އިޝާރާތްކުރެއްވީ ދިވެހި ދައުލަތުން ކުރަމުން ގެންދާ އިސްރާފު މަދުކޮށް ދައުލަތުގެ ބަޖެޓަށް އިތުރު ލުއިކަމެއް ގެނެސް ބަޖެޓަށް ބޭނުންވާ ފައިސާ ރާއްޖެއިން ފަސޭހައިން ލިބޭނޭ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅު ކިތަންމެ ސާދާވެފައި އުންމީދުތައް އާކޮށްދިން ކަމުގައި ވިޔަސް 2008 ވަނަ އަހަރު އެ މަނިކުފާނަށް ދިވެހި ދައުލަތުގެ އެންމެ އިސް ގޮނޑި މިލްކުވުމާއެކު ވެސް ދެ ރިސޯޓާ ލެޕްޓޯޕަކުން ގައުމު ހިންގާނަމޭ ވިދާޅުވި ވިދާޅުވުން އަމަލުން ފެންނަ ގޮތެއް ނުވި އެވެ.

އޭގެ ބަދަލުގައި އެތައް ބައިވަރު ސިޔާސީ މަގާމުތަކެއް އުފައްދަވައި ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ކުރި ބުރަ މަސައްކަތުގެ ބައިވެރިންނަށް ބަހާލެވުނެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ޚަރަދުތައް ބޮޑުވެ ބަޖެޓުގެ ދަރަނި އިތުރުވާން ފެށި އެވެ. ރައީސް ނަޝީދުގެ ސަރުކާރުން އުފަންވި ސިޔާސީ މަގާމުތަކުގެ ރެކޯޑު އޭގެ ފަހުން އައި ކޮންމެ ސަރުކާރަކުން ވެސް އަންނަނީ މުގުރަމުންނެވެ. މިހާރުގެ އެމްޑީޕީ ސަރުކާރުގައި މިކަން އަދި ވަކިން ބޮޑެވެ.

ސަރުކާރުގެ ޚަރަދުތައް ހަމަ އެކަނި ބޮޑުވެގެން އުޅެނީ ސިޔާސީ މަގާމުތަކާއި ސިވިލް ސާވިސްގެ މުއައްޒަފުންގެ މުސާރައަށް އެކަންޏެއް ނޫނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 200 ވަރަކަށް ރަށުގެ މީހުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ދިނުމުގެ ނަމުގައި ހިންގާ ކުދިކުދި ޕްރޮޖެކްޓްތައް ވެސް ވަނީ އިންތިހާއަށް ގިނަވެފަ އެވެ. ރަށެއްގައި 1،000 މީހުން ހަމަ ނުވިޔަސް އެއިން ކޮންމެ ރަށަކަށް ވެސް ބަނދަރާއި ހޮސްޕިޓަލާއި ނަރުދަމާ އާއި ސްކޫލާ ތާރު މަގުތައް ބޭނުންވެ އެވެ. އެކަންތައްތަކަކީ ކޮންމެ ސަރުކާރެއްގެ ކެމްޕޭނު ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަންތައްތަކެވެ. އެ ވައުދުތައް ފުއްދުމަށް ފައިސާ ބޭނުންވެ އެވެ. އެއް އަހަރަށް ވުރެ އަނެއް އަހަރުގެ ބަޖެޓު ބޮޑު ވާން ޖެހޭ ސަބަބަކީ އެއީ އެވެ. އެ ފައިސާ ހޯދުމަށްޓަކައި ނަގާ ލޯނުތަކާ ހެދި ރާއްޖެ ބަނގުރޫޓު ވެދާނެއޭ ހީވާ ހިސާބަށް ވަނީ ގޮސްފަ އެވެ.

ފާއިތުވެ ދިޔަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ބޭރު ގައުމުތަކަށް "ސަލާން" ޖަހާ ބޮޑެތި ލޯނުތައް ނަގަމުން ގެންދާއިރު އެކަމަށް ރިއާޔަތް ކުރުމެއް ނެތި އަނެއްކާ ވެސް އަނެއް ރިކޯޑު ބަޖެޓު މިވަނީ ފާސް ކޮށްފަ އެވެ. 48.2 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކުރީ މެންބަރުން ބޭނުންވާ ކަންތަކަށް ބޭނުން އަދަދެއް އިތުރު ކުރުމަށް ފަހު އެވެ.

ކުރިއަށް އޮތީ ކެމްޕޭނު އަހަރަށް ވުމުން ބޮޑު ބަޖެޓެއް ސަރުކާރަށް ބޭނުން ވާނެ އެވެ. އެކަން ސަރުކާރަށް ތާއީދުކުރާ މެންބަރުންނަށް ވެސް އެނގެ އެވެ. ސުވާލަކީ އެގޮތަށް ފާސްކުރާ ބަޖެޓަށް ފައިސާ ހޯދަން ނަގާ ލޯނުތައް އަނބުރާ ދައްކަން ރައްޔިތުންނަށް ޖެހޭއިރު އެއީ އެމީހުންނަށް އުފުލޭ ވަރުގެ ބުރައަކަށް ވޭ ހެއްޔެވެ؟ ރާއްޖޭގެ ވެރިކަމުގެ ސިސްޓަމް ރޭވިފައިވާ ގޮތުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރެވޭކަށް ނެތެވެ. އާބާދީ ފެތުރިފައިވާގޮތުން ރައްތަކުގެ ތަރައްގީއަށް ސަރުކާރުން ކުރާ ޚަރަދު މަދުވާނެ ގޮތެއް ވެސް ނެތެވެ.

ރައީސް ނަޝީދު ވިދާޅުވާ ދެ ރިސޯޓާ ލެޕްޓޮޕަކުން ގައުމު ހިންގުމަކީ ހަގީގަތުގައި ރާއްޖެފަދަ ކުޑަ ގައުމަކަށް ވާނެކަމެކެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ވާނީ އިޚުލާސްތެރި ބަޔަކު ވެރިކަމަށް އައިސްގެންނެވެ. އެފަދަ ބަޔަކަށް ވެރިކަމަށް އާދެވެން އޮތީ ރައްޔިތުންގެ ވިސްނުން އެމަގަށް ބައްޓަން ކޮށްގެނެވެ.