ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސޫ ކޮކް ލެންގް، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާ ބައްދަލުކުރައްވައި އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި ނައިބު ރައީސާ ސިންގަޕޫރުގެ ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ވަކިން ހާއްސަކޮށް އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ތައުލީމާއި، ވިޔަފާރީގެ ދާއިރާއާއި، ދަނޑުވެރިކަމާއި، އިޔާދަކުރަނިވި ހަކަތައާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވެސް ނައިބު ރައީސް ފައިސަލާއި ސިންގަޕޫރު ސަފީރު މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދެއްކެވި އެވެ.

މީގެ އިތުރުން ތައުލީމީ ކަރިކިއުލަމް ޑިވެލޮޕްކުރުމާއި ވޮކޭޝަނަލް ތަމްރީނާއި ޒަމާނީ ދަނޑުވެރިކަމުގެ ގޮތްތަކާއި ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފަދަ އިނިޝިއޭޓިވްތަކާއި ޕްރޮގްރާމްތައް ހިންގުމުގައި ދެ ގައުމުން ވެސް އިލްމާއި ތަޖުރިބާ ހިއްސާކުރަން ޖެހޭކަން ދެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

ނައިބު ރައީސާއި ސަފީރު ގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.