ހުކުމާ އެއްގޮތަށް ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ހޯދައި އެމައްސަލަ ކޯޓަށް ހުށައަޅާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން ބުނީ ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މަޢުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ހޯދައި ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
"މި އޮފީހުން ހޯދި މައުލޫމާތަށް ބަލާއިރު ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ވަނީ ފާހަގަވެފަ އެވެ،" ޕީޖީ އޮފީހުން ބުންޏެވެ.
ޖޫރިމަނާގެ ފައިސާ ދައްކަން އަންގާފައިވާ މުއްދަތުގައި ނުދައްކާ ނަމަ އެ މީހަކަށް ޖަލު އަދަބެއް ކަނޑައަޅަން ނުވަތަ ޖޫރިމަނާގެ އަދަބަށް ވުރެ ބުރަ އަދަބެއް ކަނޑައެޅިދާނެ ކަމަށް ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި އޮވެ އެވެ.
މިރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޓެކުހުގެ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމާއަށް 2.1 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވެ އެވެ. އެހެންކަމުން ޖޫރިމަނާ ފައިސާ ނުދައްކައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ފައިސާ ދެއްކުމަށާއި ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.