ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހެކިބަސްދީފިނަމަ އެފަރާތްތަކާ ދެކޮޅަށް ދައުވާނުކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ފުލުހުން ދޭ ކަމަށް ޔާމީންގެ ވަކީލުން ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލު އަލީ ޝާހު ވިދާޅުވީ ބައެއް ދައުވާތައް ކުރެވިފައިވާ މީހުންނަށް ޔާމީންއާ ދެކޮޅަށް ވަކި ގޮތަކަށް ބަޔާން ދިނުމަށް ފުލުހުންގެ ބައެއް ވެރިން އަންގާ ކަމަށެވެ. އަދި އެގޮތަށް ބަޔާން ދީފިކަމަށް ވާނަމަ އެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރާނެކަމަށް ބުނަމުންދާ ކަމަށްވެސް ޝާހު ވިދާޅުވި އެވެ.

ޝާހު އިތުރަށް ވިދާޅުވީ އެފަދަ އޯޑިއޯތައް ވެސް އެބަހުރި ކަމަށާއި އެކަން ފުލުހުންނަށް ވެސް އެނގޭނެ ކަމަށެވެ.

"މައިގަނޑު ގޮތެއްގައި ދައުލަތުގެ ނިޔަތް، އެ ފަރާތްތަކުގެ ނިޔަތް ރަނގަޅު ނޫންކަން ސަބަބުވެރި އިންސާނާއަށް ވިސްނާލުމަށް އެނގޭ މިންވަރަށް މިކަންކަން އެބައޮތް. ނިކަން ބައްލަވާ މިހާރު ދިވެހި މުޖުތަމައުގެ ހާލަތަށް ބަލާލާއިރުގައި ކޮބައިތޯ ޖިންސީ ކުށުގެ މައްސަލަތައް. އިންތިހާއަށް ތިލަވެފައި. ސިޔާސީ އެތަކެއް ފަރާތްތަކަށް މިފަދަ ތުހުމަތުތަކެއް ކުރެވިފައި ވަނީ" ޝާހު ވިދާޅުވި އެވެ.

މިއާއެކު ޝާހު ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ އެތައް ބައެއްގެ މައްޗަށް ކުރެވޭ އިރުވެސް އެކަން ނުބެލޭ ކަމަށާ، އެހެން ކަމުން ހަމަހަމަ ކަމެއް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އޭނާ ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާގެ މައްސަލަ ކުރިއަށްނުގެންގޮސް މަޑުޖައްސާފައި އޮތް އޮތުން ފާހަގަކުރައްވާފައެވެ.

"މަހުލޫފުގެ މައްޗަށް ހިންގުނު ޝަރީޢަތްތައް ކިހިނެއްތޯވީ، އޭނާގެ އެކައުންޓަށް ލާރި ޖަމާވުމާއި، ޖަމާވި ގޮތް ނުދެއްކުމާއި، އެއީ އެމްއެމްޕީއާރުސީގެ ފައިސާކަން ރަނގަޅަށް ސާފުވާއިރު ކޮން ކަމެއްތޯ ބެލުނީ ކުރެވުނީ؟ ދެން ކޮން ވާހަކައެއްތޯ މި ދައްކަނީ؟،" ޝާހު ސުވާލުކުރެއްވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ޔާމީނާ ގުޅޭ ގޮތުން ދައުލަތުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބޭނުން ކޮށްގެން އުފައްދާފައިވާ ސްކްރީން ޕްލޭއެއް ކަމަށެވެ.

ބޮޑެތި ހިޔާނާތްތަކެއް ވެފައިވާ އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި އޭގެ ބަދަލުގައި ޑީލްތައް ހަދައިގެން އަދީބާއި ޒިޔަތަށް އިނާޔަތް ދީގެން އަދި "ގޭގައި ބާއްވައި ކާން ދީގެން" ދައުލަތުން ޔާމީނާ ދެކޮޅަށް ހެކިތައް އުފައްދަމުން އަންނަ ކަމަށް ވެސް ޝިޔާޒް ތުހުމަތު ކުރެއްވި އެވެ.

އެގޮތަށް ހިނގާ މައްސަލައެއްގެ ތެރެއަށް އިތުރަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންނަށް ދަތިކުރަމުން އަންނަ ކަމަށް ވެސް ޝިޔާޒް ވިދާޅުވި އެވެ.

ކޯޓުގައި މައްސަލައެއް ހިނގަމުން އަންނަ އިރު އެ މައްސަލައެއް ބަލަމުން އަންނަ ފަނޑިޔާރުންނަށް އެކި ތުހުމަތު ކުރުމާއި އެ ފަނޑިޔާރުންގެ މައްސަލަ ބެލުމާއި އެކި ކަހަލަ ގޯނާތައް ކޮށްގެން ސަރުކާރުން މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ވެސް ޝިޔާޒް ތުހުމަތު ކުރެއްވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ދައުލަތުން ޔާމީނާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ވަނީ ނިންމާލައިފައެވެ.

އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފައި ވާއިރު ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ހުލާސާ ބަޔާން އިއްވާފައި ވަނީ ނޮވެމްބަރު 30 ވަނަ ދުވަހުއެވެ.