"ވަން ޗައިނާ ޕްރިންސިޕަލް" ދެމެހެއްޓުމުގައި ރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ދެއްވައިފި އެވެ.

ނައިބު ރައީސް ފައިސަލް މި ޔަގީންކަން ދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލާއި ޗައިނާ ސަފީރު ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާއި އަދި ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ސިއްހީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެބޭފުޅުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މިއަހަރަކީ ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރުފުރޭ މުނާސަބާ ފާހަގަކުރާ އަހަރުކަން ފާހަގަކުރައްވައި، "ވަން ޗައިނާ ޕްރިންސިޕަލް" ދެމެހެއްޓުމުގައި ރާއްޖެއިން ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ހަމައެހެންމެ، ސަލާމަތާ ސުލްހަމަސަލަސްކަންފަދަ ކަންކަމުގައި ރާއްޖެއާ ޗައިނާއިން ވެސް މަސައްކަތްކުރަނީ އެއް އަމާޒަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ތައުލީމީ ދާއިރާއިންނާއި އުމްރާނީ ތަރައްޤީގެ ދާއިރާ އަދި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމުތަކުގެ ގޮތުގައި ރާއްޖެއަށް ސްކޮލާޝިޕް ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން ހިމެނެ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮކްޓޫބަރ 1974ގަ އެވެ.