ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ކެއުމެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ހެނދުނު ކާ އެއްޗަކީ ސިއްހީ ގޮތުން ފައިދާހުރި އެއްޗަކަށް ހެދިއްޖެނަމަ ދުވަހުގެ މަސައްކަތްތައް ފަސޭހަވެގެންދާނެ އެވެ. މީހާގެ މޫޑަށާއި ހެލިފެލިވެ އުޅުމަށް ފާހަގަކުރެވޭ ވަރުގެ ހެޔޮ ބަދަލެއް އަންނާނެއެވެ.

އޯޓްސް

އޯޓްސް އަކީ އެ ކެއުމުން ހަށިގަނޑުގެ ކޮލެސްޓްރޯލް ދަށްކޮށް، ހިތުގެ ސިއްޙަތަށް ފައިދާކުރާ އެއްޗެކެވެ. މިކަން ކުރަނީ އޯޓްމީލްގައި ހުންނަ ބީޓާ-ގްލޫކަން ނަމަކަށް ކިޔާ މައްދާއަކުންނެވެ. ހަމައެއާއެކު އޯޓްމީލްގައި އޮމެގާ-3 ފެޓީ އެސިޑްސް، ފޯލޭޓް އަދި ޕޮޓޭސިއަމް މަތީ މިންވަރަކަށް އެކުލެވެ އެވެ.

ޔޯގަޓް

އާދައިގެ ޔޯގަޓަކީވެސް ސިއްޙަތަށް ފައިދާހުރި، ހެނދުނުގެ ނާސްތާއަށް ވަރަށް ރަނގަޅު އެއްޗެކެވެ. ނަމަވެސް މިތަނުގައި ގްރީކް ޔޯގަޓް ފަހަގަކޮށްލަނީ މީގައި އެހެން ޔޯގަޓަށްވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރަށް ޕްރޮޓީން ހިމެނޭތީއެވެ. ނަތީޖާއަކީ މުޅި ދުވަހު ބަނޑުހައިނުވެ ހުރުމެވެ.

ގްރޭޕް ފްރުޓް

ގްރޭޕް ފުރުޓަކީ ބަރުދަން ލުއި ކުރަން ބޭނުންވާ މީހުންނަށް ވަރަށް ރަނގަޅު އެއްޗެކެވެ. މިއީ ސަރުބީ ވިރުވައިދޭ އެއްޗެއްކަމަށް ދިރާސާތަކުން ހާމަވެފައިވާ މޭވާ އެކެވެ. މީގެ އިތުރުން ލޭގައި ހިމެނޭ ހަކުރާއި އިންސިއުލިން ރަނގަޅު މިންވަރެއްގައި ދެމެހެއްޓުމަށް އެހީތެރިވެދެ އެވެ. އަދި ބަނޑުހައިކަމުން ދުރުކޮށްދިނުމާއި، ހަށިގަނޑުގައި ފެން ހިފަހައްޓައިދެ އެވެ.

ދޮންކެޔޮ

މެންދުރު ވުމުގެ ކުރީން ދެވަނަ ފަހަރަށް ކާހިތްވުމުން ދުރުކޮށްދިނުމަށް މިވަރުގެ އެއްޗެއް ނޯންނާނެ އެވެ. ދޮންކޭލުގައި ހުންނަ ރެސިސްޓެންޓް ސްޓާޗް އަކީ ބަނޑު ފުރުމުގެ އިހުސާސްކޮށްދޭ އެއްޗެކެވެ. ދޮންކޭލުން ލިބޭ އަނެއް ފައިދާއަކީ އޭގައި ގިނަ ޢަދަކަށް ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން، ލޭގެ ޕްރެޝަރު މަތިވިޔަނުދީ ހިފަހައްޓައިދިނުމެވެ.