މާބަނޑު ދުވަސްވަރު އެންމެ ހާސްވާނެ އެއް ކަމަކީ ކާ އެއްޗަކުން ނުވަތަ ބޭނުން ކުރާ އެއްޗަކުން އެލާޖީ އެއް ވެދާނެތީ އެވެ. ނޫނީ ކާއެއްޗަކުން ބަނޑުގައި އޮންނަ ދަރިފުޅަށް ގޮތެއް ވެދާނެތީ އެވެ. މިއީ ހާއްސަކޮށް އަލަތު މައިންގެ ހިތުގައި އަބަދުވެސް އޮންނަ ބިރުވެރި ކަމެވެ.
ދިރާސާތަކުން ބުނާގޮތުން މާބަނޑު ދުވަސްވަރު ނުވަތަ ދަރިފުޅަށް ގާތުން ދޭއިރު، މައިމީހާ މަހުގެ ބާވަތްތައް ބޭނުން ކުރާނަމަ ކުޑަ ދަރިފުޅު ފުޑް އެލާޖީތަކާ ދުރުވެ އެވެ. އެގޮތުން ނޭވާ ހިއްލުމާއި ތުއްތު އިރު ހަންގަނޑަށް ދިމާވާ ތަފާތު ބަލިތަކުން ދުރުކޮށްދެ އެވެ.
ސްވިޑެންގެ ޗާމާސް ޔުނިވަސިޓީ އޮފް ޓެކްނޮލަޖީގެ ޓީމަކުން ކޮށްފައިވާ އެ ދިރާސާގައި ބުނެފައިވާ ގޮތުން، ތުއްތު ކުއްޖާ އަށް ކާންދޭއިރު، ހާއްސަކޮށް ކުއްޖާއަށް ކާންދޭން ފަށާތާ 11 މަސް ވުމުގެ ކުރިން ކުކުޅު ބިހާއި މަސް ކާން ދޭނަމަ ކުއްޖާ ހެދި ބޮޑުވާއިރު ދިމާވާ ތަފާތު އެލާޖީތަކާ ދުރުކޮށްދެ އެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުން ކުޑަކުދިންގެ ތެރެއިން ކެެއުމުގައި ބިހާއި މަހުގެ ބާވަތްތަކުގެ އިތުރުން ފުށުގެ ކާނާ ބޭނުން ކުރާ ކުދިން އެލާޖީތައް ވުމާއި ދުރެވެ އެވެ. އޭގެ ސަބަބެއް ކަމަށް ވަނީ އެކާނާއަކީ އޮމެގާ 3 ވަރަށް ބޮޑަށް ހިމެނޭ ކާނާއަށް ވުމެވެ.
ވިހެއުމުން ފެށިގެން އުމުރުން ހަތަރު މަސް ވަންދެން ސިއްހަތު ރަނގަޅު ކުދިންގެ ހަށިގަނޑުގެ ލޭ ގައި އޮމެގާ 3 ފެޓީ އެސިޑް ގިނައިން ހިމެނެ އެވެ.
"ބަނޑު ބޮޑުއިރު ގިނައިން މަސް ކާ މަންމައިން، ވިހާ ކުދިންގެ ލޭ ގައި އޮމެގާ 3 ފެޓީ އެސިޑް ގިނައިން ހިމެނޭ ކަން ފާހަގަ ވެފައިވޭ. އަދި ގާތުން ދޭއިރު އެފަދަ މައިންގެ ހަށިގަނޑުން ކުއްޖާ އަށް އޮމެގާ 3 ފެޓީ އެސިޑް ލިބޭ" އެ ދިރާސާގައި ބުނެފައި ވެއެވެ.
އެހެން ކަމުން މާބަނޑު ދުވަސްވަރާއި ކުއްޖާއަށް ކާންދޭން ފަށާ ހިސާބުން ޅަފަތުގެ އުމުރަށް ދަންދެން ކެއުމުގައި މަހުގެ ބާވަތްތައް ހިމެނުމަކީ މުހިއްމު ކަމެކެވެ.