ކްރޭން ބެރީގެ ވާހަކަ އަޑު އަހާފައި އޮވެދާނެ އެވެ. ތާޒާ ކްރޭން ބެރީ ހޯދަން އުނދަގޫ ނަމަވެސް ކްރޭންބެރީގެ ޖޫހަކީ އެކި ގޮތްގޮތުން ސިއްހަތަށް ފައިދާކުރާ ބުއިމެކެވެ.

އެގޮތުން ކުރޭން ބެރީ ޖޫހަކީ ހިތުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ބުއިމަށް ވަރަށް ރަނގަޅު ބުއިމެކެވެ. ސަބަބަކީ ހިތުގެ ދުޅަހެޔޮކަމަށް ބޭނުންވާ މުހިއްމު ކެމިކަލް އެއް ކަމަށްވާ ޕޮލީފެނަލްސް ކުރޭން ބެރީގައި ގިނަ އަދަދަކަށް އެކުލެވޭތީ އެވެ.

ހަމައެހެންމެ، 2011 ވަނަ އަހަރު ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ކުރޭން ބެރީ ޖޫހަކީ ކޮރޯނަރީ އާޓުރީ ބަލި ހުންނަ މީހުންގެ ސިއްހަތު ރަނގަޅު ކުރުމަށްވެސް އެހީތެރި ވެދޭ ޖޫހެކެވެ.

އޭގެ އިތުރުންވެސް ކުރޭން ބެރީއަކީ ޔޫރިން އިންފެކްޝަނަށް ފަރުވާ ކުރުމަށް ވެސް ބޭނުން ކުރެވިދާނެ ބުއިމެކެވެ. ސަބަބަކީ އޭގައި އެކުލެވޭ ޕްރޯންތޯސްޔަނިޑިންސް އަކީ ބުލެޑާގެ ސެލްތަކުގައި ޖަރާސީމު އަށަގަތުމުން ދުރުކޮށްދޭ މާއްދާއަކަށް ވެފައި އަދި އެއީ ޖަރާސީމުތައް އިތުރުވުމަށް ހުރަސް އަޅައިދޭ އަދި އެ ޖަރާސީމުތައް ހަށިގަނޑުން ބޭރު ކުރުމަށް އެހީތެރިވެދޭ މާއްދާއަކަށް ވުމެވެ.

ހަމައެހެންމެ، ކުރޭން ބެރީގައި އެކުލެވޭ އެ މާއްދާއަކީ ދަތް ފަނި ކެއުމުންވެސް ރައްކާތެރިކޮށްދޭ މާއްދާ އެކެވެ. ސަބަބަކީ ދަތް ހަލާކު ވުމަށް މަގުފަހި ކުރުވާ ޖަރާސީމުތައް ނައްތާލުމަށްވެސް އެ މާއްދާއިން އެހީތެރިވެދޭތީ އެވެ.

އެހެން ކަމުން ކެއުމުގައި ކޮންމެވެސް ވަރަކަށް ކްރޭންބަރީ ޖޫސް ހިމަނާލުން ރަނގަޅުވާނެ އެވެ.