ފުލުހުންގެ ބަންދުގައި ހުންނަ މީހަކު ދަންޖެހިގެން މަރުވާ އުޅުމަކީ ކުޑަކަމެއް ނޫން ކަމަށާއި ފުލުހުން ހޭލައި ގާނޫނީ ޒިންމާ އަދާކުރަން ޖެހިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. ޖަމީލު މިފަދައިން ވިދާޅުވީ ހދ. ނޮޅިވަރަމުގައި މިދިޔަ ހޮނިހިރު ދުވަހު މެންދުރު މާރާލާފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް ޖަލުގައި ދަންޖެހި އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ޑރ. ޖަމީލް ވިދާޅުވީ ބަންދުގައި ހުންނަ މީހަކު މަރުވުމާއި ދަންޖެހުން ފަދަ ކަންކަމަކީ ކުޑަ ކަމެއް ނޫން ކަމަށާ އެއީ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަންކަން ކަމަށެވެ.

ފުލުހުންގެ ފަރާތުން ވާ އިހުމާލުގެ މައްސަލަތައް އިތުރުވަމުން ދަނީ ފުލުހުންގެ މުއައްސަސާގެ ފޯކަސް ބަދަލުވެ އެ މުއައްސަސާގައި ސިޔާސީ ކުލަ ޖެހުމުގެ ސަބަބުން ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވި އެވެ.

އެވާހަކައާއި ގުޅުވާ ޑރ ޖަމީލު ވަނީ ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ޖަގަހައެއްކަމަށް ސިފަކުރައްވާފައެވެ. އަދި ފުލުހުން ހޭލާ ގާނޫނީ ޒިންމާތައް އަދާކުރާނީ އިހުމާލުގެ ކިތައް މައްސަލަ ފެންމަތިވުމުންތޯ އައްސަވާ ޑރ. ޖަމީލު ވަނީ ސުވާލު ވެސް ކުރައްވާފަ އެވެ.

ހދ. ނޮޅިވަރަމް ހިތަށްފިނިވާގެ، ނިޝާމާ މުހައްމަދު 28، މަރާލި މައްސަލައިގެ ތުހުމަތު އޮތް އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ޖަލުގައި ދަންޖެހި އަމިއްލައަށް މަރުވާން ވަނީ މަސައްކަތް ކޮށްފަ އެވެ.

ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު ފައިސަލް ހުރީ ކުޅުދުއްފުއްޓަށް ގޮހެވެ. އޭނާ އެރަށު ޕޮލިސް ސްޓޭޝަނަށް ދިޔައީ އަމިއްލައަށެވެ. އެކަމަކު ފަހުން ފުލުހުން އޭނާ ހައްޔަރަށް ގެންދިޔައީ ކޯޓު އަމުރެއް ހޯދައިގެނެވެ. އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވެ އެވެ.