ބެއިޖިންގ (18 ޑިސެމްބަރު) - ޗައިނާއިން އެ ގައުމުގެ 50 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ޖެހުމަށް އަމާޒު ހިފައިފި އެވެ.

ޗައިނީސް އާ އަހަރާއި ދިމާކޮށް އެކިތަންތަނަށް ދަތުރުކުރާ މީހުން ގިނަވެގެންދާނެ ކަމަށް ލަފާކުރެވޭތީ އާއި މިކަމުގެ ސަބަބުން ކޮވިޑް ރޯގާ އިތުރަށް ފެތުރިގެން ހިނގައިދާނެތީ ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށްވެ އެވެ.

ޗައިނާ އިން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ނިންމާފައިވަނީ ސިއްހީ ހިދުމަތްތެރިންނާއި، ޕޮލިހުން، ފަޔާ ފައިޓަރުން، ކަސްޓަމްސް އޮފިސަރުންނާއި، ކާގޯ ހެންޑްލަރުން އަދި ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށާއި، އުމުރުން ދުވަސްވީ މީހުންނާއި ހާލުބޮޑު ބަލި މީހުންނަށެވެ.

ޗައިނާއިން ވަނީ އެގައުމުގެ ވެކްސިން އުފައްދާ ސިނޯފާމްގެ ދެ ވެކްސިން އަދި ސިނޯވެކް ބަޔޯޓެކްން އުފެއްދި ވެކްސިނަކާއި އަދި ކެންސިނޯ ބަޔޯލޮޖިކްސް އިން އުފައްދާފައިވާ ވެކްސިނަކަށް އެމަޖެންސީ ހުއްދަ ދީފަ އެވެ.

ވެކްސިން ޖެހުމުގެ ބިޔަ ޕްރޮގްރާމްގެ އޮފިޝަލުން ބުނިގޮތުގައި ޗައިނާގެ ހެލްތް އޮފިޝަލުން ވަނީ ޖެނުއަރީ މަހުގެ 15 ގެ ކުރިން ފުރަތަމަ ބުރުގެ 50 މިލިއަން ޑޯޒް ފުރިހަމަކުރުމަށް އަންގާފަ އެވެ. އަދި ދެވަނަ ބުރު ފެބްރުއަރީ ފަސްވަނަ ދުވަހުގެ ކުރިން ފުރިހަމަކުރަން އަންގާފަ އެވެ.

ޗައިނާއަކީ އެންމެ ފުރަތަމަ ކޮވިޑް ކޭސްތައް ރެކޯޑްކުރެވުނު ގައުމެވެ.

އެގައުމުން ވަނީ ކޮވިޑް ފެރުތުން ހުއްޓުވުމަށް ދުނިޔޭގެ އެހެން ގައުމުތަކާއި ހިލާފަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމުގެ ސަބަބުން ޗައިނާގައި ވަނީ ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އެވެ.

އެމެރިކާގެ ޖޯން ހޮޕްކިން ޔުނިވާސިޓީގެ ޑޭޓާތަކަށް ބަލާއިރު ޗައިނާއިން ކޮވިޑް ޖެހިގެން 94،734 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި މި ރޯގާގައި 4،759 މީހުން މަރުވެފައިވެ އެވެ. – ސްރެއިޓް ޓައިމްސް