ނައިބު ރައީސް ފައިސަލު ނަސީމް އައްޑޫ ސިޓީ ކައުންސިލާއި، އަންހެނުން ތަރައްގީއަށް މަސްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އައްޑޫ ސިޓީގެ ތަރައްގީއާ އަދި އެ ސިޓީއަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ.
މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ، މި ހިނގާ ދައުރަކީ އައްޑޫ ސިޓީގައި ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގެމުންދާ ދައުރުކަން ފާހަގަކުރައްވާފަ އެވެ. އަދި، މުޅި ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫއުތަކާ އަޅާކިޔާއިރު އައްޑޫ ސިޓީގައި ވަރަށް ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާކަން ކައުންސިލުން ފާހަގަ ކުރެއްވި އެވެ. އެގޮތުން، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢު ނިމޭއިރު، އައްޑޫގެ ހުރިހާ މަގެއް އޮންނާނީ ޒަމާނީ ފެންވަރަށް ހަދައި ނިމިފައި ކަމުގައި ކައުންސިލުން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި، ކައުސިލްގެ ބަޖެޓުގެ ދަތިކަމާއި، އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ރައްޔިތުން ބޭނުންވާކަން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވިދާޅުވީ، އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމުގަ އެވެ. މިގޮތުން، ތަޢުލީމާއި ސިއްޙީ ދާއިރާއިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އޭއީއެޗްގެ ދަށުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ދެމުން އަންނަ ޚިދުމަތްތައް ފުޅާކުރެވި އިތުރުކުރެވެމުން އަންނަ ކަމުގައި ވިދާޅުވިއެވެ. އަދި، އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލާއި އެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ކުރިން ނައިބް ރައީސް ވަނީ، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ، ހިތަދޫ ސްކޫލަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްގެ ކިޔަވައިދިނުން ކުރިޔަށްދާގޮތް ބައްލަވާލައްވައި، ސްކޫލުގެ ސީނިއަރ މެނޭޖްމެންޓާ ބައްދަލު ކުރައްވާފަ އެވެ.
ފައުންޑޭޝަން މަރުހަލާއިން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ހިތަދޫ ސްކޫލުގައި އެއްހާހަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލް ކުރަމުންނެވެ.