ކުއާލަ ލަމްޕޫރު (ޑިސެމްބަރު 17) - މެލޭޝިއާގެ ސެލަންގޯ ސްޓޭޓުގައި މީހުން ދަތުރު ގޮސް އުޅޭ ކޭމްޕް ސައިޓެއްގައި ބިންގަނޑު ފޭބުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބަޓަން ކަލީ ޓައުނުގައި ބިންގަނޑު ފޭބި އިރު ދަތުރު ގޮސް އުޅުނު އާއިލާތަކުގެ މީހުން ތިބީ ނިދައިފަ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި 21 މީހަކު ވަނީ މަރުވެފަ އެވެ. އަދި އިތުރު މީހުންގެ ހަށިތައް ފެނޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
މީޑިއާތަކުން ބުނާ ގޮތުގައި އަދިވެސް ނުފެންނަ 12 މީހުންވެ އެވެ. އެ މީހުން ހޯދުމަށްޓަކައި 400 އަށް ވުރެ ގިނަ ރެސްކިއު އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ.މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިންނާއި 12 އަންހެނުން ހިމެނެ އެވެ.
ހެލްތު މިނިސްޓަރު ޒާލިހާ މުސްތަފާ ވިދާޅުވީ ޒަޚަމްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނޭ ކަމަށެވެ.ނިއު ސްޓްރައިޓް ޓައިމްސް އިން ބުނި ގޮތުގައި 20 އަށް ވުރެ ގިނަ ޕްރައިމަރީ ސްކޫލް ޓީޗަރުންނާއި އެ މީހުންގެ އާއިލާތައް ވެސް ވަނީ ކޭމްޕް ސައިޓަށް ދަތުރު ގޮސްފަ އެވެ. އޮފިޝަލުން ބުނެފައި ވަނީ އެ ސައިޓް ދަތުރުދާ މީހުން ބޭނުން ކުރަން ދޫކުރަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެއީ އޯގަނިކް ފާމެއް ހިންގަން ހުއްދަ ނަގާފައިވާ ސައިޓެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ދަތުރު ގޮސް އުޅެނިކޮށް ބިންގަނޑު ފައިބައިގެން މީހުން މަރުވި މައްސަލައިގައި ސައިޓުގެ އޮޕަރޭޓަރު ކުށްވެރިވެއްޖެ ނަމަ އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ނުވަތަ 50،000 ރިންގިޓް (11،318 ޑޮލަރު) ގެ ޖޫރިމަނާއެއް އަންނާނެ އެވެ.