މިދިޔަ ހުކުރު ދުވަހު ސިނަމާލެ ބުރިޖު ހުރަސްކޮށް ހުޅުމާލެއަށް ދިޔަ ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ 54، (ޖަމްބޯ އިއްސޭ) އެކްސިޑެންޓްވި ގޮތް ފެންނަ ވީޑިއޯ އާންމުވި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ޓްރެފިކް ލައިޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އަދި އެކްސިޑެންޓު ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ މަރުވެފަ އެވެ.

ޖަމްބޯ ދަތުރުކުރި ސައިކަލު، ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގެ ވީޑިއޯ ފުޓޭޖު އާންމުވެފައިވާއިރު، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ފުލުހުން އިތުރަށް ބުނީ އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރުމަކީ މަރުވި މީހާގެ އާއިލާއަށް ހިތްދަތިކަން ލިބޭނެ ކަމަކަށްވާތީ، އެވީޑިއޯ ދައުރު ނުކުރުމަށް އެދޭ ކަމަށެވެ.

އެކްސިޑެންޓު ހިނގައިފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެ ފޮޓޯތަކުން އިއްސޭއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާތަން ފެނެ އެވެ. އަދި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވީ އިއްސޭގެ ބޮލަށެވެ.

މި އެކްސިޑެންޓުގައި އިއްސެ ނިޔާވެފައިވާއިރު އެ ހާދިސާއަކީ މި ފަހުގެ ތާރީޚެއްގައި ބުރިޖާއި ބުރިޖާ ގުޅިފައިވާ ހައިވޭގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.

ލީކުވެފައިވާ ފުޓޭޖުން ފެންނަ ގޮތުގައި އެ ވީޑިއޯއަކީ ހަލި މަގާއި ބުރިޖުގައި ހަރުކޮށްފައި ހުރި ކެމެރާތަކުގެ ތެރެއިން ކެމެރާއަކުން ނަގާފައިވާ ވީޑިއޯއެއް ސްކްރީނެއްގައި އެޅުވުމަށްފަހު ފޯނަކުން ރެކޯޑުކޮށްފަ އެވެ. ބްރިޖާއި ހައިވޭގައި ހުންނަނީ ފުލުހުންގެ ސީސީޓީވީ ކެމެރާތަކެވެ.