ދަރިވަރުންނަށް ތަފާތު ދާއިރާތަކުން ވިސްނުމުގެ ހުނަރު ދަސްކޮށްދޭން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ބާއްވާ 6 ވަނަ "އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބައެއް މުފައްކިރުންގެ ނަޒަރުގައި، ކުރީގެ ތައުލީމީ ނިޒާމުގެ ގޮތްތަކާއި 21 ވަނަ ގަރުނާ ނުގުޅޭ ކަމަށާއި އިންގިލާބީ ބަދަލެއް އަންނަން ޖެހޭ ކަމަށެވެ.

އެ ބަދަލަށް ދަރިވަރުން ތަމްރީނު ކުރުމަށް އިސްކަން ދޭންވީ ކަންކަމާއި ބޭނުންވާ ހާލަތްތައް ދެނެގަނެ އެ ބޭނުންކުރާނޭ ގޮތް ދަރިވަރުންނަށް ދަސްކޮށްދޭން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ކުދިންނަށް ދަސްކޮށްދޭން ޖެހެނީ ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ގާބިލުކަން ކަމަށާއި މީހަކަށް ފުންކޮށް ފުޅާކޮށް ވިސްނޭނީ އޭނާއަށް އެނގޭ މައުލޫމާތުގެ މިންވަރަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތިމާގެ ޝައުގުވެރިކަން ހޯދުމަށް ތަފާތު މައުލޫމާތާއި މަންޒަރުތައް ވާދަކުރަމުންދާއިރު، ދަރިވަރުންގެ ގައިގައި ވަކި ސިފަތަކެއް އަށަގަންނުވަން ޖެހެ އެވެ.

  • ވަކި ކަމަކަށް ސަމާލުކަން ދީ، ފޯކަސް ކުރުމާއި، ވިސްނާ ގޮތާ ބެހޭ ގޮތުން ވިސްނުން
  • ނަފްސަށް އިތުބާރު ކުރުމާއި އަނެކާގެ އިހުސާސްތައް ދގުޅިގެން މަސައްކަތްކުރުމާއި، މުއާމަލާތްކުރުން ދަސްކޮށްދިނުން
  • ކަންކަން ހޯދާބެލުމުގެ ޝައުގުވެރިކަން، ކިޔުރޯސިޓީ ނުވަތަ އަރުމަވެރިކަން
  • އަމިއްލައަށް ތަޖުރިބާކޮށްގެން ދަސްކުރުމާއި ކުރަން ފަށާކަމެއް ދޫނުކޮށް އެއްވާނެއްގައި ކުރުން

މިނިސްޓަރު ވިދާޅުވީ މި މަހާސިންތާ ނިމޭއިރު ޒަމާނީ ތައުލީމާ ބެހޭ ގިނަ މައުލޫމާތުތަކެއް ބައިވެރީންގެ މެދުގައި ފެތުރި، ގައުމުގެ މިސްރާބު ގެންދަންވީ ތަސްވީރެއް ކުރެހިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޓީޗާސް ކޮންފަރެންސަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސްއެކެވެ. އެންމެ ފަހުން މި ކޮންފަރެންސް ބޭއްވީ 2019 ވަނަ އަހަރު، އައްޑޫ ސިޓީގަ އެވެ. މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެިން ބޭރުން 220 އަށްވުރެ ގިނަ ޓީޗަރުންނާއި އިލްމީ، މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރާއްޖޭން ބޭރުން ޓީޗަރުންނާއި އިލްމީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ އާއި ތުރުކީވިލާތް ހިމެނެ އެވެ.