އިއްޔެއިން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މާލެ ސިޓީ އާއި ވިލިމާލޭގެ ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓަން ނިންމާފައި ވަނީ ކުރިން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ( ވެމްކޯ ) އާއެކު މާލެ ސިޓީ އާއި ވިލިމާލޭގެ ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓަން ހަދާފައިވާ އެގްރީމެންޓް ހަމަވުމާ ގުޅިގެންނެވެ.
ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެކަން ނުކުރާ ކަމަށް ބުނެ ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. އަދި އެމަސައްކަތް އަމިއްލައަށް ކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ކުނިމެނޭޖުކުރުމުގެ ގަވާއިދާ އެއްގޮތަށް އެންމެ ބޭފުޅުން އަމަލުކުރުމަށާއި ކުނި މަގުމައްޗަށް ނެރުމުގެ ބަދަލުގައި ހިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް ކުނި އުކާލެވެންދެން ރައްކާތެރިކަމާއެކު ބެހެއްޓުމާއި ،ކުނި މެނޭޖު ކުރުމުގެ ގަވާއިދަށް ހުރުމަތް ތެރިކޮށް ހިތުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި އިއުލާނުގައި ވަނީ އެންމެހައި ބޭފުޅުންގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކި ކުނި މެނޭޖު ކުރުމުގެ ގަވައިދާ އެއްގޮތަށް ކުނި ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އޭގެ އިތުރުން ކުނިމެނޭޖް ކުރުމުގެ ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު މި ގަވައިދާ އެއްގޮތަށް އަމަލު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.