އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިނަށް ފުވައްމުލަކަށް މިއަދު ވަޑައިގެންފި އެވެ.
މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
އިންތިޚާބުގައި ދެބޭފުޅުން ވެސް ކެމްޕެއިން ހަރަކާތްތައް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަވަ އެވެ. މިގޮތުން ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ވެސް ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވެ އެވެ.
ނަމަވެސް އެ ރަށުގައި ކުރިޔަށް ގެންދަން ރާވާފައިވާ ހަރަކާތުގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
"ފިކުރެއްގެ ދިރުން" ނަމުގައި ރައީސް ނަޝީދުގެ ކެމްޕެއިން އިފްތިތާހު ކުރެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މާލޭގެ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގަ އެވެ.
ރައީސް ނަޝީދު ފުވައްމުލަކަށް ވަޑައިގަތީ އ ރަށުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ތާއީދު ހޯއްދެވުމަށެވެ.
ރައީސް ނަޝީދު ވަނީ ކެމްޕެއިންގައި މިހާތަނަށް ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންފަ އެވެ. އަދި މާލޭގައި ރޭ ވަނީ އެމްޑީޕީގެ މެމްބަރުންނާ ވެސް ބައްދަލު ކުރައްވާފަ އެވެ.
ރައީސް ސޯލިހު ވެސް ވަނީ އެމަނިކުފާނުގެ ކެމްޕެއިން ފައްޓަވާފަ އެވެ. އެގޮތުން އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ޖަގަހަ ޖަލްސާތައް މިދިޔަ ހަފްތާގައި ފަށާފައިވާއިރު، ކެމްޕޭން ޓީމްގެ ދަތުރުތައް ވެސް މިހާރު ވަނީ އަތޮޅުތަކަށް ފަށައިފަ އެވެ.