އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިމަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް ތާއީދު ހޯދުމުގެ ގޮތުން މިރޭ ރ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ތަފާތު ފިކުރުތަކާއެކު ހިޔާލު އެއްގޮތް ކޮށްގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ މަސައްކަތް ސަރުކާރުނ އަންނަނީ ކުރަމުން ކަމަށެވެ. އަދި އެކަން އެގޮތުގައި ކުރިއަށްގެންދިޔުމަށްޓަކައި ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުވުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއްވެސް މީހަކަށް އެކަނި ނުކުމެގެން 50 ޕަސެންޓަށް ވުރެ އިތުރު ވޯޓު ހޯދައިގެން ވެރިކަން ކުރެވޭނެ ގޮތަކަށް ނޫން ރާއްޖޭގެ ސިޔާސީ މަޝްރަހު މިއަދު އޮތީއްޔަކީ. ތެދެއް އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީ. އެކަމާ ދޭތެރޭގައި އަޅުގަނޑުމެން އެންމެން ވަރަށް ފަހުރުވެރިވަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެމަދުވާ އެތިކޮޅު ޕަސެންޓު ނުލިބި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ މަގުމަތި ވާންވީތޯ ނޫންތޯ. މިއީ މިއަދު އަޅުގަނޑުމެން ހިތާހިތާ ކުރަންވީ ސުވާލަކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޖެއްސެވި ހިސާބަކީ އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 48 ޕަސެންޓް ވޯޓު ލިބުމެވެ. ބާކީ ބައި ހޯދަން ޖެހޭނީ ކޯލިޝަންގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނާ ވާދަވެރި ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވަކާލާތު ކުރައްވަނީ ކޯލިޝަން ނެހެދުމަށެވެ.
އެމަނިކުފާނު ވިދާޅުވާގޮތުގައި އެމްޑީޕީގެ ހަގީގީ ވެރިކަމެއް ކޮށްދެވޭނީ ކޯލިޝަނަކާ ނުލަ އެވެ.
ވާދަވެރި އަދި ފޯރިގަދަ ކެމްޕެއިން ޖަލްސާތަކެއް ރައީސް ސޯލިހާއި ނަޝީދު ވެސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވަމުންނެވެ.