ސަރުކާރު ސްލޯ ކަމަށާއި ތަރައްގީގެ ދުވެލި ހުރީ ފިނިހަކަ ދުވެލީގައި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ފ. ބިލެތްދޫގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ކަންކަން ބަލަހައްޓާ ހިންގުމުގެ ޝައުގުވެރިކަން ރައީސް ސޯލިހުގެ ކިބައިގައި ނެތްކަމަށެވެ.

"ހައިމާކުގެ ދަތްގަނޑު ނެތް މިންވަރުން ކީއްކުރަންތޯ ކޮންނަން ވިސްނަނީ" ރައީސް ސޯލިހަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ކޮށްދޭން ބުނި ކަންކަން ފަސް އަހަރުވެގެން ދިޔައިރުވެސް ނުކޮށްދޭ ކަމަށާއި އެމްއެމްޕީއާރްސީ ހިޔާނާތު ފައިސާ ނުހޯދުނު ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ދަތުރުފުޅުގައި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރު ފ. އަތޮޅާއި ދ. އަތޮޅަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ސޯލިހުވެސް ގެންދަވަނީ ރަށްރަށަށްވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.