ޅ. ހިންނަވަރުގެ ވަރަށް ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސީލިހަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ރައީސް ސޯލިހު މިރޭ ހިންނަވަރަށް ވަޑައިގަތީ މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިންނެވެ.

އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ރަށް ކަމަށްވާ ހިންނަވަރަށް މިރޭ ވަޑައިގަތީ ރ. އަތޮޅާއި ނ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅަށްފަހު އެވެ. ހިންނަވަރަށް ވަޑައިގަތުމުގެ ކުރިން ރައީސް ވަނީ އެއަތޮޅު ނައިފަރާއި ކުރެންދޫއަށް ވަޑައިގެންފަ އެވެ.

ރައީސް ސޯލިހު ހިންނަވަރުގައި

ކެމްޕޭނުގައި ވަޑައިގަންނަވާ ރަށްތަކުން ދޮރުން ދޮރަށް ވަޑައިގެން ރައީސް ރައްޔިތުންގެ ހާލު ބައްލަވަ އެވެ. ރައީސް ސޯލިހުގެ ވާދަވެރި ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ އެކި ރަށްތަކަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަމުންނެވެ.

އެގޮތުން މިހާތަނަށް އެމަނިކުފާނު ވަނީ އއ. އަދި އދ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.