އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ލިބިއްޖެ ނަމަ އަމިއްލަ ޓެކްސީ ޑްރައިވަރުންގެ ޓެކްސީތައް ސަރުކާރަށް ނަގައި އެ މީހުންނަށް ވަޒީފާދޭނެ ކަމަށް ބުނުމުން އެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން ރައީސް ސޯލިހު ވެސް ވާދަކުރައްވަން ނިންމަވައި ކެމްޕޭން އަންނަނީ ކުރައްވަމުންނެވެ. ކެމްޕޭން ކުރެއްވުމަށް ދެ ރައީސުން އަންނަނީ ރާއްޖޭގެ އެކި ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ޓެކްސީ ޑްރައިވަރުންނާ އެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ މާލޭގައި ދުއްވޭނެ ޓެކްސީތަކަށް އަދަދެއް ކަނޑައަޅައި، އެއަށް ވުރެ އިތުރުވާ ޓެކްސީތައް ސަރުކާރުން ގަތުމެވެ. އަދި ޑްރައިވަރުންނަށް އެހެން ހުނަރުތައް ދަސްކޮށްދިނުމާއި ބަސް ދުއްވުން ފަދަ ވަޒީފާތައް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

ކެމްޕެއިންގެ ތެރެއިން މިއަދު ބ. އޭދަފުށްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ނަޝީދުގެ އެ ސިޔާސަތަށް ރައްދުދެއްވައި ރައީސް ސޯލިހު ވިދާޅުވީ ވާދަވެރިން ބައެއް ފަހަރު ދައްކަވާ ވާހަކަތަކާ ދޭތެރޭގަ ވިސްނަންޖެހޭ ކަމަށެވެ.

އަމިއްލަ މީހުންގެ ވިޔަފާރި ތެރެއަށް ސަރުކާރުން ވަނުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ވިދާޅުވުމަށް ފަހު އަމިއްލަ ފަރުދުންގެ ޓެކްސީތައް ސަރުކާރަށް ނަގާ ވާހަކަ އެބަ ދައްކާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތަށް ޓެކްސީތައް ސަރުކާރަށް ނަގައި ޓެކްސީ ޑްރައިވަރުންނަށް ވަޒީފާ ދިނުމަކީ ރައީސް ވިދާޅުވި ގޮތުގައި ކަމުދާ ގޮތެއް ނޫނެވެ.

"މިއީ ކޮން ބައެއްގެ ވިޔަފާރިއެއްގެ ވާހަކަތޯ. ވަކިވަކި އިންޑިވިޖުއަލް މީހުން ދުއްވާ ޓެކްސީތައް ސަރުކާރަށް ނަގާނަމޭ، ސަރުކާރުންނޭ ދެން ޓެކްސީ ދުއްވާނީ. ޓެކްސީ ޑްރައިވަރުންނަށް ދެން ތިމަންނަމެން ވަޒީފާއޭ ދޭނީއޭ. އެއީއެއް ނޫން އެކަން ކުރަންޖެހޭނެ ގޮތަކީ. ކަމަކުނުދޭ އެގޮތެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކުރަންޖެހޭ ކަމަކީ ޓެކްސީ ހޯދައި، ޓެކްސީ ޑްރައިވަރުންނަށް ދިގު މުއްދަތުގައި ފައިސާ ދެއްކޭ ގޮތަށް އާ ކާރު ހަވާލު ކުރުމެވެ.

".. އެއީ އަޅުގަނޑުމެންގެ ޕްލޭންގައި ވެސް އޮތް ކަމެއް. މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެގޮތަށް ޓެކްސީ ކާރު ރާއްޖެއަށް ގެނެސް މާލޭގައި ޓެކްސީ ދުއްވާ ފަރާތްތަކަށް ދިގު މުއްދަތުގައި ހަލާސްކުރާ ގޮތަށް ކާރުތައް ހަވާލުކުރާނަން،" ސަރުކާރުން މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތް އެ މަޝްރޫއު އިއުލާނުކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހު ވާދަކުރައްވާ ރިޔާސީ ޕްރައިމަރީ ތާވަލުކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.