ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭގެ ގްރޫޕުން ނިކުމެވަޑައިގެންފި އެވެ.
އެލްޖީއޭގެ ރައީސްކަން ވެސް ކުރައްވާ އިމްރާން އެ ގްރޫޕުން ނިކުމެވަޑައިގަތީ އެލްޖީއޭގެ ބޯޑު މެމްބަރު އަދި ކ. އަތޮޅު ރައީސް މުހައްމަދު ނިމާލް އެ ގްރޫޕުގައި ލިޔުނު މެސެޖަކާ ގުޅިގެންނެވެ.
ނިމާލް ވިދާޅުވީ އެގުރޫޕުން އިމްރާން ނިކުތީ ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކާ ދެކޮޅަށް ލޯކަލް ކައުންސިލްތަކުން ބަޔާން ނެރުމަކީ ގާނޫނީ ބާރު މުގުރާލުން ކަމަށް ބުނެ އެކަން ނުކުރުމަށް އެލްޖީއޭ އިން ކައުންސިލްތަކަށް އެންގުމާއި ގުޅިގެން އެކަމުގައި އެބޭފުޅާ ދެކޭގޮތް ހާމަ ކުރެއްވުމާއި ގުޅިގެން ކަމަށެވެ.
ހަރާން ހުކުމް ކުރުމުން އެވާހަކަ ދައްކާނެ ކަމަށާއި، ރަނގަޅު ކަމެއް ކުރުމުން އެވާހަކަ ވެސް ދައްކާނެ ކަމަށާއި އަދި ހިޔާލު ފާޅުކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ މިނިވަން ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ކައުންސިލްތަކަށް ކައުންސިލް މެމްބަރުން އިންތިހާބު ވެފަ ތިބެނީ އެ ދާއިރާ ނުވަތަ އެ ރަށެއްގެ ރައްޔިތުންގެ ސިޔާސީ ފިކުރަށް އައުލަބިއްޔަތު ލިބިގެން ކަމަށާއި، ކައުންސިލް މެމްބަރުންނަށް ބަސްބުނުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށް ނިމާލް ވިދާޅުވެފައިވެ އެވެ.
ނިމާލް ވިދާޅުވީ އެލްޖީއޭއިން ނެރުނު ބަޔާނަކީ ބޯޑުން ނިންމި ނިންމުމެއް ކަމެއް ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެގޮތުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނީ ބޯޑުގެ ބާރު ކަނޑުވާލާފައިކަމަށް ނިމާލް ވިދާޅުވި އެވެ.
ނިމާލްގެ މި މެސެޖާ ގުޅިގެން އިމްރާންވަނީ އެ ގްރޫޕުން ނިކުމެވަޑައިގެންފަ އެވެ.