ޖިއްދާ (ޖެނުއަރީ 11) - ވަކި އުމުރުފުރައަކަށް ބެލުމެއް ނެތި މި އަހަރުގެ ހައްޖުގެ އަޅުކަމަށް ކޯޓާ ދޫކުރާނީ 2019 ވަނަ އަހަރުގެ ފަހުކޮޅު ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން އޮތް ގޮތަށް ކަމަށް ސައުދީ އަރަބިއާ އިން އިއުލާންކޮށްފި އެވެ.

ދެހާސް ނަވާރަވަނަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން ވަނީ 2.4 މިލިއަން މީހުން އަދާކޮށްފަ އެވެ. ނަމަވެސް ކޮވިޑުގައި ދުނިޔެ ބަންދުވުމާ ގުޅިގެން 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރީ އެންމެ 1،000 މީހުންނެވެ. އެއީ ވެސް ސައުދީގައި ދިރިއުޅޭ މީހުންނެވެ. ދެހާސް އެކާވީސް ވަނަ އަހަރު ހައްޖުކޮށްފައި ވަނީ 60،000 މީހުންނެވެ. އަދި މިދިޔަ އަހަރު ވަނީ އެއް މިލިއަން މީހުންނަށް ހައްޖުކުރުމުގެ ފުރުސަތު ދީފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމާބެހޭ ގޮތުން ޖިއްދާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައުދީގެ ހައްޖު މިނިސްޓަރު ތައުފީގު ބިން ފައުޒާން އަލް ރާބިއާ ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމުގައި މި އަހަރު އެއްވެސް "ހުދޫދެއް" ކަނޑަނާޅާނެ ކަމަށެވެ.

"މި ބައްދަލުވުމުގައި އުފާވެރި ދެ ޚަބަރެއް ދޭން އެބައޮތް. އެއް ޚަބަރަކީ އެއްވެސް އުމުރުފުރައެއް ކަނޑަނާޅައި ކޮވިޑުގެ ކުރިން އޮތް ހާލަތަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ހުޅުވާލުން. ދެވަނަ ޚަބަރަކީ ދުނިޔޭގެ ކޮންމެ ގައުމެއްގެ ހައްޖު މިޝަނުން ވެސް ލައިސަންސް ލިބިފައިވާ ކުންފުންޏަކާ އެކު ހައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުން،" އަލް ރާބިއާ ވިދާޅުވި އެވެ.

ގެފުޅު ވަށާ ތަވާފުކުރަނީ: މިއަހަރު ހައްޖު ކޯޓާ ވަނީ ކުރިން އޮތް ގޮތަށްހުޅުވާލާފައި

ކޮވިޑާ ގުޅިގެން އެކި ފިޔަވަޅުތަކުގެ ތެރޭގައި އުމުރުން 18-65 އަހަރާ ދެމެދުގެ މީހުންނަށް ހައްޖަށް ދިއުމަށް ކަނޑައެޅުން ހިމެނެ އެވެ.

ހައްޖުގެ އަޅުކަމުގެ ކޯޓާ ކުރިން އޮތް ގޮތަށް ހުޅުވާލުމާ ގުޅިގެން ބައެއް ގައުމުތަކުން މިހާރު ދަނީ ކޯޓާ ހަމަޖައްސަމުންނެވެ. މިގޮތުން ބަންގްލަދޭޝް އިން މިހާރު ވަނީ މި އަހަރު އެ ގައުމުން ހައްޖަށްދާ މީހުންގެ އަދަދު 127،0000 އަށް އިތުރުކޮށްފަ އެވެ. ހައްޖު ކޯޓާގެ އެގްރީމެންޓުގައި ސައުދީއާ އެކު ބަންގްލަދޭޝް އިން މިހާރު ވަނީ ސޮއިކޮށްފަ އެވެ. ބަންގްލަދޭޝް އިން މިދިޔަ އަހަރު ހައްޖަށް ދިޔައީ 60،000 މީހުންނެވެ.

ޕާކިސްތާނަށް ވެސް ސައުދީން ވަނީ މި އަހަރުގެ ހައްޖު ކޯޓާ 179،210 މީހުންނަށް އިތުރުކޮށްދީފަ އެވެ.

ބައެއް ގައުމުތަކުގެ އިސްލާމިކް އެފެއާޒް މިނިސްޓަރުން މިދުވަސްވަރު އުޅުއްވަނީ ޖިއްދާގައި މި މަހު 9-12 އަށް ކުރިއަށްދާ ހައްޖު އެކްސްޕޯގައި ބައިވެރިވުމަށް ސައުދީ އަށް ވަޑައިގެންނެވެ. ހައްޖު ކޯޓާގެ އެއްބަސްވުންތަކުގައި ސޮއިކުރަމުން ދަނީ މި އެކްސްޕޯގެ ތެރޭންނެވެ.