ބޮލީވުޑްގެ އެކްޓަރު ޝާހް ރުކް ޚާންގެ އަންހެން ދަރިފުޅު، ސުހާނާ ޚާނާއި އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންޑާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަހަރު ނެޓްފްލިކްސްއިން ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ދަ އާޗީސް" އިން ބޮލީވުޑަށް ތައާރަފުވާ ސުހާނާއި އަގަސްތިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

މިދިޔަ އަހަރުގެ ކްރިސްމަސް ސެލެބްރޭޝަންގެ ތެރެއިން ބޮލީވުޑްގެ ކަޕޫރު އާއިލާއިން ބޭއްވި އެއްވުމަކަށް ދެތަރިން ދިޔައީ ވެސް އެއްކޮށެވެ. އަދި މިހާރު އަގަސްތިޔަ އޭނާގެ މައިން ބަފައިންނާއި އާއިލާއަށް ސުހާނާ، ލޯބިވެރިޔާގެ ގޮތުގައި ތައާރަފު ކޮށްދީފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

މި ދެތަރިން ދިމާވި ކަމަށް ބުނަނީ ސުހާނާ ފުރަތަމަ ކުޅުނު ޒޯޔާ އަކްތަރުގެ "ދަ އާޗީސް" ގެ ސެޓުންނެވެ. އޭގެ ފަހުން ދެމީހުން ގުޅުން ބާއްވަމުން އައި ނަމަވެސް އެއްވެސް ވަރަކަށް އާންމުންގެ ތެރެއިން އެކީގައި ފެނިފައެއް ނުވެ އެވެ.

އަގަސްތިޔަގެ މަންމަ އަކީ އަމީތާބުގެ ދޮށީ ދަރި ޝްވެތާ ބައްޗަން ނަންދާ އެވެ. ޝްވެތާ ސުހާނާއާއި ވަރަށް ރުހޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެހެން ނަމަވެސް މިކަމާއި ބެހޭ ގޮތުން ސުހާނާގެ އާއިލާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައިނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޝާހު އާއި ގޯރީ ވެސް މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.

ޑައިރެކްޓަރު ޒޯޔާ އަކްތަރުގެ "ދަ އާޗީސް" ސުހާނާ އާއި އަގަސްތިޔާގެ އިތުރުން ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރް ވެސް ބޮލީވުޑަށް ތައާރަފުވެގެންދާނެ އެވެ.