ވެލާނާ އިންޓަނޭޝަން އެއާޕޯޓުން މަސްތުވާތަކެއްޗާއެކު އަތުލައިގަތް ޕާކިސްތާނު މީހާ ހައްޔަރުކޮށް ފުލުހުންނާއި ހަވާލުކުރިއިރު، އޭނާ އަތުން ފެނުނު މަސްތުވާތަކެތީގެ ލަގެޖް ފުލުހުންނާއި ކަސްޓަމްސް އިން ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިމަހުގެ 8 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެ ކުރުމުގެ ތުހުމަތުގައި ކަސްޓްމަސްއިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހަވާލުކުރިއިރު، ކަސްޓަމްސްއިން އޭނާގެ ލަގެޖް ހަވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް އޭނާ އައިއިރު، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި، ލަގެޖް ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލަ ބަލަމުން އަންނަނިކޮށް، އިއްޔެ ވަނީ 16 ކިލޯގެ މަސްތުވާތަކެއްޗާ އެކު ރާއްޖެ އައި މީހަކު ވެސް އަތުލައިގަތް ފަހުން ގެއްލިފަ އެވެ. އޭނާގެ ލަގެޖަަށް ވެސް ވީގޮތެއް ނޭނގެ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލިބިފައިވާ ފުޓޭޖްތަކުން އެލަގެޖް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި އެއާޕޯޓްގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ހެކި ނެތުމުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުވާ މީހަކު އެތަކެތި އެތެރެކުރި ލަގޭޖު ކަސްޓަމްސް އަށް ނުފެންނަ ކަމަށެވެ. އަދި މަސްތުވާތަކެތި އެތެރެ ކުރި ކަމަށް ބުނާ ލަގެޖު ނުފެންނަ ކަމަށާއި ނުފެންނަ އެއްޗެއް ހަވާލުނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ނޫސްބަޔާނެއް ވަރަށް އަވަހަށް ނެރުއްވަނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.