މިއަންނަ އަހަރު ވެގެންދާނީ ކާތިކް އާރިޔަން އަށް ބިޒީ އަހަރަކަށެވެ. އޭނާގެ ގިނަ ފިލްމުތަކެއް ބޮޑު ސްކްރީނަށް އަންނަން ވަނީ ހަމަޖެހިފަ އެވެ.

މިހާރު ކާތިކް ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ ރާމް މަދްވާނީގެ "ދަމާކާ" ގެ ޝޫޓިން ފަށާފަ އެވެ.

މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން އެނަ ނުފޮރޮޅާލާ އެންމެ ގަލެއްވެސް ނެތެވެ.

އިއްޔެ ކާތިކް ވަނީ އޭނާ މި ފިލްމުގައި ހުންނާނެ ގޮތް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ދައްކާލާފަ އެވެ. މި ފިލްމުގައި އެނާ ކުޅޭނީ އަރްޖުން ޕާޓާކް ކިޔާ މީހެއްގެ ރޯލެވެ.

ފޮޓޯއިން ދިގު އިސްތަށިގަނޑަކާއި އެކު އައިނެއް އަޅާލައިގެން އިރު ކާތިކް ފެންނަނީ ވަރަށް ސީރިއަސް ކޮށެވެ. ބެލެވޭ ގޮތުގައި މި ފިލްމުގައި އޭނާ ފެނިގެންދާނީ ސީރިއަސް މީހެއްގެ ރޯލުންނެވެ.

މި ފިލްމަކީ އާންމުކޮށް ލޯބީގެ ފިލްމުތަކާއި ހެއްވާ މަޖާ ފިލްމުތަކުން ފެނިގެން ދާ ކާތިކް ތަފާތު ކެރެކްޓާއަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ކާތިކްގެ މި އާ "ލުކް" އޭނާގެ ފޭނުންނަށް ވަނީ ވަރަށް ކަމުގޮސްފަ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2"، "ދޯސްތާނާ 2"، އަދި އައްލޫ އަރްޖުން ފެނިގެން ދިޔަ އޮރިޖިނަލް ފިލްމު "އަލާ ވައިކުންތަޕުރަމުލޫ" ގެ ރިމޭކެއް ހިމެނެ އެވެ.

މީގެ އިތުރުން ކާތިކް ވަނީ އެނާގެ އެންމެ ފުރަތަމަ ސުޕަހީރޯ ފިލްމު ކަމަށްވާ "ފެންޓަމް" އަށްވެސް ސޮއި ކޮށްފަ އެވެ.