އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމް އަންނަ ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ އެ ހުކުމް އިސްތިއުނާފު ކުރުމަށް ފެށޭ ހަފުތާގައި ހުށަހެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މައްސަލައިގެ ތަފުސީލީ ރިޕޯޓުތަކާއި މަހުޟަރު ބަޔާންތައް އިދިކޮޅަށް ދީފައިވާއިރު އެ ރިޕޯޓުތަކަށް ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖަމީލް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށްޓަކައި އެ ރިޕޯޓުތަކާއި ބަޔާންތައް ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހުނު ކަމަށެވެ.

"އެއީ ވަރަށް އާދަޔާ ޚިލާފަށް ނިންމާފައިވާ ރިޕޯޓެއް. މި ރިޕޯޓު ވަރަށް ރަނގަޅަށް ދިރާސާ ކޮށްފަ، އޭގަ ހުރި ކަންތައްތަކާ އެކީގައި އިސްތިއުނާފަށް ހުށަހެޅިގެންދާނީ. އެ މަސައްކަތް މިހާރު ވަނީ ނިމުމުގެ މަރުހަލާގައި. ފެށޭ ހަފުތާގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅޭނެ ކަމަށް މި އުއްމީދު ކުރަނީ،" ޖަމީލް ވިދާޅުވި އެވެ.