ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ގުޅަމުންދާތީ އެކަމަށް ސަމާލުވުމަށް ހައުސިން މިނިސްޓްރީ އިން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ އެތަނުން ކުރިޔަށް ގެންދާ ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން "ގެދޮރުވެރިޔާ/ ބިންވެރިޔާ ސްކީމް" އާ ގުޅޭގޮތުން ބައެއް ފަރާތްތަކާ ގުޅައި، ފޯމާއިއެކު މަދުވާ ކަމަށް ބުނާ ޑޮކިއުމަންޓްތަކެއް ހުށަހެޅުމަށް ގުޅަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 9349119 މޯބައިލް ނަންބަރުން އެކި ފަރާތްތަކަށް ގުޅަމުންދާކަން ފާހަގަވެފައިވާ ކަމަށާއި، އެ ނަންބަރުން އެ މިނިސްޓްރީގެ ރިސެޕްޝަނަށް ކޯލް ޑައިވާޓް ކޮށްފައިވާކަން ވެސް ފާހަގަވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 15ގެ ފަހުން އެ މިސްޓްރީން އެއްވެސް ރައްޔިތެއްގެ މައުލޫމާތު ހޯދުމަށް ނުވަތަ ޑޮކިއުމެންޓެއް ހުށައެޅުމަށް އެއްވެސް މުއާމަލާތެއް ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ފޯނުން ގުޅައިގެން އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާއެކު އެމިނިސްޓްރީން ކުރިއަށް ނުގެންދާނެ ކަމަށް ބުނެ އެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ގެނެސްދިނުމުގެ ގޮތުން ސަރުކާރުން ހުޅުމާލޭ ތަރައްގީކުރާ 4،000 ހައުސިން ޔުނިޓްގެ ބައެއް ތަންތަން އަންނަ އޯގަސްޓް މަހުގެ ކުރިން ހަވާލުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ސަރުކާރާއި ބައެއް ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.