މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ފަސޭހަކަމާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުން މިއަދު ހެނދުނު ފެށިގެން ކުރިއަށްދާއިރު އެ އިންތިހާބާއި ގުޅިގެން ދެ ޓީމުގެ މެދުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާތީ އެކަމަށް އިޝާރަތް ކުރަށްވާ ކުރެއްވި ޓުވީޓެއްގަ އެވެ.

އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދާމް ޝަރީފު ވިދާޅުވީ އެމްޑީޕީގެ ކޮންމެ ކެނޑިޑޭޓަކު ޕްރައިމަރީ ކާމިޔާބު ކުރިނަމަވެސް މި ހާލަތުގައި ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ޕީޕީއެމަށް ނުވަތަ ރައީސް ޔާމީނަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި މިއަދު ނަތީޖާ ނިކުންނަ ގޮތުން ޕީޕީއެމްގެ ރިޔާސީ އިންތިހާބުގެ ސްޓްރެޓެޖީސް ޓެކްޓިކްސް އަދި ރެޓޮރިކް ބަދަލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާޓިގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. މިއީ އެ ޕާޓީގެ ތާރީޚުގައި ވެސް ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީ އެވެ.

މި ޕްރައިމަރީގެ ވޯޓުލުން ފަށާފައި ވަނީ ހެނދުނު 9:00 ގަ އެވެ. ވޯޓުލުން ހަވީރު 5 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.

މި އިންތިޚާބުގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި މާލެއާއި އަތޮޅުތަކުގައި ބަހައްޓާފައިވެ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓާފައިވާއިރު، އަތޮޅު ތެރޭގައި 194 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

އެ ޕާޓީން ޢާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް މި އިންތިޚާބުގައި ވޯޓު ލެވޭނެ އެވެ.

މިއަދުގެ ވޯޓުލުން ކުރިއަށްދާއިރު ވޯޓުލާ މީހުންގެ ލިސްޓްގައި ނަން ނެތް މީހުން ވޯޓުލާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.