އަމީނީމަގުގައި ހުންނަ "ރެހެންދި"ން ދެ ފްލެޓް ގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލުން ބެލުމަށް ނިންމުމާ ގުޅިގެން، އުލު ބޭންދިޔަސް ދިނާއި ގައުމުގެ ދިފާއުގައި ކުރާ މަސައްކަތުގައި ފަސްޖެހުމެއް ނެތް ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފި އެވެ.

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައްސަލަތައް ބަލާނެ ވަރަކަށް މައްސަލަ ބަލަންވީ ކަމަށެވެ. އަދި އިތުރު މައްސަލަ އުފައްދައިގެން ވެސް ބަލަންވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުލު ބޭއްދިޔަސް، ކަތުރުން ކޮށާ ކާޅަށް ދިނަސް ދީނާ ގައުމުގެ ޙައްގުގައި ކުރާ މަސައްކަތުގައި ފަސް ޖެހުމެއް ނެތް. މި ސަރުކާރުން ކުރާ ވިޔާނުދާ ކަންތަކުގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލާނަން،" އަދުރޭ ވިދާޅުވި އެވެ.

ރެހެންދި ފްލެޓުން ދެ ފްލެޓު އަދުރޭ ބައްލަވައިގެންފައި ވަނީ އެއްފަހަރާ 9 މިލިއަން ރުފިޔާ ދެއްކުމަށްފަހު އެވެ. އަދުރޭ އެ ފްލެޓްތައް ގަތުމާ ގުޅިގެން މީގެކުރިން އެ މައްސަލަ އޭސީސީ އަށް އަމިއްލަ ފަރާތަކުން ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ނިންމީ އެއްވެސް ކޮރަޕްޝަނެއް އެ މައްސަލާގައި ނެތް ކަމަށެވެ.

އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި އަލުން ބަލަން ނިންމީ ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވި އެވެ.