ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް އާއިއެކު އިތުރު ތިން ބޭފުޅަކު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމުގެ ތެރެއިން އެއް މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި މުއްދަތުގައި ހަތަރު ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އެކޮމިޝަނުން ހާމަކުރެ އެވެ.

އެމަގާމަށް ކުރިމަތިލި ހަތަރު ބޭފުޅުންނަކީ:

އަހްމަދު ޝަކީލް / ސިޔާމާމަންޒިލް، އއ.ފެރިދޫ

މުހައްމަދު ޝަނީޒް ޢަބްދުﷲ/ ހަނދުވަރީނާޒް، ގދ.ގައްދޫ

ހުސައިން ޝަކީބް / ހުޅުމާލެ، ދޮޅަސް، މާލެ

މަރްޔަމް ވަޙީދު / ބެލޫން، ސ.ފޭދޫ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލަކީ ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރެވެ. އެ މައްސަލާގައި ޔާމީނާއި އެމަނިކުފާނާ އެކު ދައުވާލިބުނު ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ޖަލަށްލާން މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މިހާރު އެމައްސަލަ ހައިކޯޓަށް ހުށައެޅުމަށް ތައްޔާރުވަމުން އަންނައިރު އިސްގާޒީ ސަކީލު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 36،000 ރުފިޔާ ލިބޭއިރު ލިވިން އެލެވެންސެއްގެ ގޮތުން 15،000 ރުފިޔާއާއި ރިސްކް އެލަވަންސަކަށް 3300 ރުފިޔާ ދެއެވެ. އަދި ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެ އެވެ.