ކުޑަ ކުދިން މާ ގިނައިން ޓީވީ ބަލަން ތިބުމަކީ އެކުދިންގެ ނާޒުކު ސިއްހަތަށް ގެއްލުން ދެނިވި ކަމެއްކަން ބެލެނިވެރިން ދަނެ އެވެ. ޓީވީއިން ކުޑަކުދިންނަށް ލިބޭ ގެއްލުންތަކަށް ބާރުދޭ އިތުރު ދިރާސާއެއް ވެސް މިވަނީ އާއްމު ކޮށްފަ އެވެ.

އެ ދިރާސާގައި ބުނަނީ ދުވާލަކު 30 މިނިޓް ނުވަތަ އެއަށް ވުރެ ގިނަ ވަގުތަށް ކުދިން ޓީވީ ބަލާ ނަމަ ކުދިންގެ ވިސްނުން ކޮށިވެ، އުފެއްދުންތެރިކަން ދަށްވާ ކަމަށެވެ.

އެކަމަކު މިއާ ހިލާފަށް ކުދިން ގިނައިން ފޮތް ކިޔައި، ވިސްނައި ފިކުރު ކުރެވޭ ކަހަލަ ގޭމްތައް ކުޅޭ ނަމަ، އުފެއްދުންތެރި ހިޔާލުތައް އުފެދި، ކަންކަމާ ދޭތެރޭ ވިސްނާ ގޮތަށް ބޮޑު ހެޔޮ ބަދަލެއް އާދެ އެވެ.

"އެކަމަކު ކާޓޫން ފަދަ ޕްރޮގްރާމްތަކަށް ކުދިން ދެވިހިފައި އެ އެއްޗެހި މާ ގިނައިން ބަލާ ނަމަ ވިސްނުން ކޮށިވެ، ސިކުނޑީގައި އުފެއްދުންތެރި ހިޔާލުތައް އާލާވުމުގެ ފުރުސަތު ކުޑަވޭ،" ދިރާސާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"ކާޓުން އެއްޗެހި ބަލާ ނަމަ ކުދިންގެ ސިކުނޑި ތެރޭގައި އަމިއްލަ ހިޔާލުތައް އާލާވުމުގެ ފުރުސަތު ކުޑަކޮށްދޭ. އެހެންވެ މިއީ ބެލެނިވެރިން ސަމާލުކަން ދޭން ޖެހޭ ކަމެއް."

އެހެންވެ މިއީ ޓީވީ އާ ވީހާ ވެސް ބޮޑަަށް ކުދިން ދުރު ކުރަން ބެލެނިވެރިން އިތުރަށް ސަމާލުވާން ޖެހޭ ސަބަބެކެވެ. ޓީވީ ބަލަން ދަރިފުޅު ބޮޑާ ހާކާ ނަމަ، ޝައުގުވެރިވާ ކަހަލަ އެެެހެން ކޮންމެވެސް ކަމެއް ކުރުވޭތޯ ބަލާށެވެ.