އަންކަރާ (ފެބްރުއަރީ 10) - ތުރުކީ އާއި ސީރިއާ އަށް އައި ބާރުގަދަ ބިންހެލުމުގައި ސީރިއާގެ ހުޅަނގު އުތުރުން ވެއްޓުނު އިމާރާތެއްގެ ބައިތަކުގެ ދަށުގައި ވިހޭ ކުއްޖާ އެޑޮޕްޓްކުރަން ބޭނުންވެގެން އެތައް ބަޔަކު ހުށަހަޅައިފި އެވެ.

އަޔާގެ ނަންދީފައިވާ ތުއްތު ކުއްޖާ ނެގިއިރު ވެސް އޮތީ މަންމަގެ ފޫޅުދަނޑިއާ ގުޅިފަ އެވެ. ބިންހެލުމުގައި ވަނީ އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ހަތަރު ކުދިން މަރުވެފަ އެވެ. އަޔާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

"ހޮސްޕިޓަލަށް ގެނައިރު އެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް. ހަށިގަނޑުގެ ބޭރު ފުށުން ޒަޚަމްތައް ހުރި. ނޭވާ ވެސް ލަނީ ވަރަށް އުނދަގުލުން،" ހޮސްޕިޓަލުގައި އެ ކުއްޖާ އަށް ފަރުވާ ދޭ ޑޮކްޓަރު ބުންޏެވެ.

ހޮސްޕިޓަލަށް ގެންދިޔައިރަށް ވުރެ އާޔާގެ ހާލު ރަނގަޅު ކަމަށްވެ އެވެ.

އެ ކުއްޖާގެ ޚަބަރު ލިބުމާ އެކު އެތައް ހާސް ބަޔަކު މިހާރު ވަނީ ކުއްޖާ އެޑޮޕްޓްކުރަން ބޭނުންވެގެން ސޯޝަލް މީޑިއާ މެދުވެރިކޮށް ހުށަހަޅައިފަ އެވެ. ކުވޭތު ޓީވީގެ ޕްރެޒެންޓަރަކު ބުނީ ގާނޫނީ ގޮތުން އެކަން ކުރެވޭނެ ނަމަ އެ ކުއްޖާގެ ބެލެނިވެރިކަން ހޯދާ، ކުއްޖާ ބަލަން ތައްޔާރަށް ހުރި ކަމަށެވެ.

އާޔާ އަށް ފަރުވާ ދޭ ހޮސްޕިޓަލްގެ މެނޭޖަރު ބުނީ ކުއްޖާ ބަލަން ބޭނުންވެގެން އެތައް ސަތޭކަ ބަޔަކު ހޮސްޕިޓަލަށް ގުޅާ ކަަމަށެވެ. ނަމަވެސް ހޮސްޕިޓަލުން ބުނީ އެ ކުއްޖާގެ އާއިލީ މީހުން ކުއްޖާ ބަލަން ބޭނުންވާ ނަމަ އެހެން ބަޔަކާ ހަވާލު ނުކުރާނެ ކަމަށެވެ. ކުއްޖާ އަށް މިހާރު ގާތުން ދެނީ ހޮސްޕިޓަލްގެ މެނޭޖަރުގެ އަންހެނުންނެވެ. އެ ދެމަފިރިންގެ ހަތަރު މަހުގެ ތުއްތު ކުއްޖަކު އޮވެ އެވެ.

ބިންހެލުމުގައި ސީރިއާ އާއި ތުރުކީން މަރުވި މީހުންގެ އަދަދު 20،000 އަށް އަރާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.