ޑޮކްޓަރަށް ދައްކާ ފީތައް ބޮޑުވެ، ސިއްހީ ދާއިރާގެ އަގުތައް އެއް އަހަރުގެ ތެރޭގައި 7.17 ޕަސެންޓް އުފުލިއްޖެ އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ ހަފުތާގައި އާއްމުކުރި ޑިސެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މަހު އެންމެ ބޮޑަށް އަގުތައް އުފުލިފައި ވަނީ ސިއްހީ ދާއިރާއިންނެވެ. އެގޮތުން އެ މަހު އެކަނި 2.73 ޕަސެންޓް ބޮޑުވެފައިވެ އެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަމިއްލަ ހޮސްޕިޓަލްތަކުން އައުޓް ޕޭޝަންޓް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފީ 3.78 ޕަސެންޓް ބޮޑުވެފައިވެ އެވެ. އަދި އައުޓް ޕޭޝަންޓް ޖެނެރަލް ޑޮކްޓަރުންގެ ފީތައް 11.65 ޕަސެންޓް ބޮޑުވިއިރު އޭގެ އިތުރުން ޑެންޓިސްޓުންގެ ކޮންސަލްޓޭޝަން ފީ 4.47 ޕަސެންޓް ކޮންޓެކްޓް ލެންސް އާއި ސޮލިއުޝަންގެ އަގު 0.59 ޕަސެންޓް ފާއިތުވި އެއް އަހަރުގެ ތެރޭގައި ބޮޑުވެފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ތައުލީމީ ދާއިރާގެ އަގުތައް ވެސް ބޮޑުތަނުން މައްޗަށް
ޑިސެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާގެ އަގުތައް ވެސް ވަނީ 2.94 ޕަސެންޓް ބޮޑުވެފައިވެ އެވެ. އެ ދާއިރާގެ އަގުތައް އުފުލުނު މައިގަނޑު ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ ޕްރީ ސްކޫލުތަކުން ނަގާ ފީ 10.77 ޕަސެންޓް އަދި ޕްރައިމަރީ ސްކޫލްތަކުގެ ފީ 8.65 ޕަސެންޓް، ސެކަންޑްރީ ސްކޫލުތަކުގެ ފީ 11.45 ޕަސެންޓް، ހަޔާ ސެކަންޑްރީ ސްކޫލް ޓިއުޝަން ފީ 7.07 ޕަސެންޓް އަދި ގުރުއާން ކްލާސްތަކުގެ ފީތައް 1.93 ޕަސެންޓް ބޮޑުވުމާ ގުޅިގެންނެވެ. މުޅި އަހަރަށް ބަލާއިރު އެޑިއުކޭޝަން ދާއިރާގެ އަގުތައް 4.53 ޕަސެންޓް ބޮޑުކޮށްފައިވެ އެވެ.
ދަތުރުފަތުރުގެ އަގުތައް ވެސް އިންތިހާއަށް އުފުލުނު
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ޑިސެމްބަރު މަހު އެކަނި ދަތުރުފަތުރުގެ ދާއިރާގެ އަގުތައް ވެސް 0.56 ޕަސެންޓް އުފުލިފައިވެ އެވެ. އެ ދާއިރާގެ އަގުތައް އުފުލުނު މައިގަނޑު ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ އެތެރޭގެ އުދުހުމުގެ އަގުތައް 2.80 ޕަސެންޓް، ސައިކަލްގެ އަގު 0.39 ޕަސެންޓް، ކަނޑުދަތުރުތައް ކޮށްދޭ އަގުތައް 0.92 ޕަސެންޓް، ޓެކްސީ ދަތުރުތައް 1.20 ޕަސެންޓް، ޕެޓްރޯލް 1.08 ޕަސެންޓް ބޮޑުވުމާ ގުޅިގެންނެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ބައިނަލްއަގުވާމީ ދަތުރުތަކުގެ އަގުތައް 5.09 ޕަސެންޓް ދަށަށް ދިޔަކަން ފާހަކޮށްފައިވެ އެވެ.
މުޅި އަހަރަށް ބަލާއިރު ޑިސެމްބަރު ދަތުރުފަތުރު ދާއިރާގެ އަގުތައް 9.25 ޕަސެންޓް އުފުލިފައިވެ އެވެ.
މަސަލައެއް ނެތް ބޮޑުކުރޭ ފެރޭ މީހުން އަދި ވަގުން ސަރުކާރު އެތެރެއިންނާއި ބޭރުން އޮބިނޮއޮންނަ ވަރައް އިތުރުވާނެ ނިކަމެތިމީހާ ގޮތްހުސް ވާނީ ވަރައް ބަރާބަރު.