ސިއްހީ ޚިދްމަތްދޭ ޑޮކްޓަރުން ބަލި މީހުންނަށް ބޭސް ސިޓީ ލިޔާގޮތް ބަދަލު ކުރުމުގެ މަޝްވަރާތަކެއް ކުރަން ފަށައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މި މަޝްވަރާތަކުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ރައީސް އޮފީހުން ޑޮކްޓަރުންގެ ޓީމްތަކާ ވަނީ ބައްދަލުކުރައްވާފަ އެވެ. މިކަން ރަސްމީ އިދާރާއަކުން ހާމަކޮށްފައި ނުވިއަސް މި ބައްދަލުވުންތަކުގައި ބައިވެރިވި ބައެއް ޑޮކްޓަރުން ވަނީ މިވާހަކަތައް ހިއްސާ ކޮށްފަ އެވެ.

ޑޮކްޓަރުންނާ ބައްދަލުކޮށް ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރަމުންދަނީ ޖެނެރިކް ބޭހަށް މިހާރު ލިޔެދޭ ބޭސްތައް ބަދަލު ކުރުމަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ކުރާ ކަމެކެވެ.

"އަޅުގަނޑު މިކަމާ މުޅިން ދެކޮޅު." މިބައްދަލުވުމުގައި ބައިވެރިވި ޑޮކްޓަރަކު ބުންޏެވެ. "އަޅުގަނޑު ބުނިން ތިކަމަކަށް ތާއީދެއް ނުކުރަމޭ. ދުނިޔޭގެ ގައުމުތަކުގައި ތިކަން ކުރިއަސް ރާއްޖޭގައި ހަރުދަނާ ނިޒާމެއްގެ ދަށުން ތިކަން ކުރެވިދާނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ރާއްޖޭގައި ކޮލިޓީ ކޮންޓްރޯލް ކުރެވޭނެ ގޮތެއްނެތް. އެހާވަރުގެ ސްޓޭންޑަޑެއް މިހާރުވެސް މެއިންޓެއިންއެއް ނުކުރެވޭ. މިސާލަކަށް އެ ބުނަނީ ވޯލްޓެރަން ނުވަތަ އިބުޕްރޮފެން ގެ ބަދަލުގައި އޭގެ ޖެނެރިކް ނަން ބޭނުން ކުރާށޭ. އޭރުން ބޭސްސިޓީ ހިފައިގެން ދިޔައިމަ ކޮންމެ ބްރޭންޑެއްގެ ތަދު ކަނޑުވާ ބޭހެއްވެސް ދީފާނެ. އޭގެ ކޮލިޓީ ޔަގީން ނުކުރެވެންޏާ އެއީ މައްސަލައެއް." ޑޮކްޓަރު ކަންބޮޑުވާ ކަންތައްތައް ކިޔައިދިނެވެ.

ޖެނެރިކް މެޑިސިންއަށް ބަދަލުކުރުމުން ދޭނީ ކޮން ބްރޭންޑެއްގެ ބޭހެއްކަން އިޚްތިޔާރު ކުރާނީ ފާމަސީގައި އިންނަ ފާމަސިސްޓެވެ.

"ދުނިޔޭގައި ބޭސްއުފައްދާ ވަރަށް ގިނަ ކުންފުނިތައް އެބަހުރި. ކޮންމެ ކުންފުންޏެއްގެ ވެސް ކޮލިޓީ ތަފާތު. ވީމާ އެމްއެފްޑީއޭއިން ހަރުދަނާ ނިޒާމެއްގެ ދަށުން ޜާއްޖެ އެތެރެ ކުރެވޭ ބޭސް ޓެސްޓްކޮށް މޮނިޓަރ ކުރެވޭނެ ނެތި މިކަންކުރުމަކީ އަޅުގަނޑު ކަންބޮޑުވާކަމެއް. އެހެންނޫނީ މިސާލަކަށް އިންޑިޔާގެ އެންމެ އާދައިގެ ކުންފުންޏަކުން އުފައްދާބޭސްވެސް ދީފާނެ،" އެ ޑޮކްޓަރު ބުންޏެވެ.

ޖެނެރިކް ނަން ބޭނުންކޮށްގެން ބޭސްސިޓީ ލިޔަން ފެށުމުން ޚަރަދު ކުޑަކުރެވޭނެ ކަމަށް ވެސް މިމަޝްވަރާތަކުގައި ޚިޔާލުދެވިފައިވެ އެވެ. އެގޮތުން މިހާރު އާސަންދައިގެ ދަށުން ބޭހަށް ކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެ އެވެ.

އުސޫލެއްގެ ގޮތުން ޖެނެރިކް ނަން ބޭސް ސިޓީގައި ލިޔުމަކީ މައްސަލައެއް ނޫން ކަމަށް ގިނަ ޑޮކްޓަރުން އެއްބަސްވެ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ޕްރެކްޓިސް ވެސް ކުރެ އެވެ. ނަމަވެސް ހުރިހާ ޑޮކްޓަރުންގެ ވެސް ކަންބޮޑުވުމަކީ މިކަން ހަރުދަނާ ނިޒާމެއްގެ ދަށުން ނުކުރެވިދާނެތީ އެވެ. މިއީ ރައްޔިތުންގެ ސިއްޙަތާ ގުޅިފައިވާ ކަމަކަށް ވާތީ އެވެ.