ކަލާޒް ޓީވީއިން ގެނެސްދޭ އިންޑިއާގެ އެންމެ މަޝްހޫރު އެއް ރިއަލިޓީ ޝޯ "ބިގް ބޮސް 16" ގެ ގަދަ ފަހެއްގައި ހިމެނޭ ޓީވީ ބަތަލާ ޕްރިޔަންކާ ޗަހާރް ޗައުދަރީއަށް ބޮލީވުޑް ފިލުމަކުން ފުރުސަތު ލިބިއްޖެ އެވެ.

"ބިގްބޮސް 16" ފައިނަލް އެޕިސޯޑް މިރޭ ކަލާޒް ގެނެސްދޭއިރު މިޝޯގައި ބައިވެރިވި ގިނަ ބައިވެރިންނަށް ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. މިފަހަރު ބޮލީވުޑް ފިލުމަކުން ފުރުސަތު ލިބިފައި ވަނީ "ބިގްބޮސް 16" ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ޓީވީ ބަތަލާ ޕްރިޔަންކާ އަށެވެ.

ޕްރިޔަންކާ އަށް ލިބިފައިވަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ދަންކީ"ގެ ރޯލެކެވެ.

މީޑިއާތަކުން ބުނީ ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ މިފިލްމުން ޕްރިޔަންކާ އަށް ފުރުސަތެއް ދޭން އެދުނީ "ބިގް ބޮސް" ގެ ހޯސްޓް ސަލްމާން ޚާން ކަމަށެވެ. އެގޮތުން ޕްރިޔަންކާގެ ހުނަރުގެ ވާހަކަ އާއި އޭނަގެ ރީތިކަމުގެ ވާހަކަ ޝާހްރުކްގެ ގާތު ދައްކައި، "ދަންކީ" އިން ފުރުސަތެއް ފަހިކޮށް ދޭން އެދުމުން، ހިރާނީ ގާތު ޝާހްރުކް އެ ވާހަކަ ދެއްކުމުން ޕްރިޔަންކާ އަށް ފިލްމުން ރޯލެއް ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ބިގް ބޮސް 16" ނިންމައިލުމާ އެކު ޕްރިޔަންކާ "ދަންކީ" ގެ ޓީމާ ބައްދަލުކޮށް، އެއަށް ރަސްމީކޮށް ސޮއި ވެސް ކުރާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ޕްރިޔަންކާ، 27، އަކީ ކަލާޒް އިން 2021 އިން ފެށިގެން ދައްކަމުން އަންނަ ސިލްސިލާ "އުދާރިޔާ" ގެ ކުރީގެ ލީޑް އެއް ބަތަލާ އެވެ.

"ދަންކީ"ގައި ޝާހުރުކްއާއެކު ފެންނާނީ ތާޕްސީ ޕަންނޫ އާއި ބޯމަން އިރާނީ އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު 22 ގަ އެވެ.