އަންކަރާ (ފެބްރުއަރީ 14) - ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތަކުގެ ދަށުން 178 ގަޑިއިރު ފަހުން (ގާތްގަނޑަކަށް ހަތް ދުވަހާއި ބައި) ގެ ފަހުން ދިރިހުއްޓާ ޒުވާން އަންހެން ކުއްޖަކު ސަލާމަތްކޮށްފި އެވެ.

ކުއްޖާ ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯގައި ބައެއް މީހުން ވަނީ އެއީ ބޮޑުވެގެންވާ މުއުޖިޒާތެއް ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށް، ﷲ އަކުބަރުގެ އަޑުން މުޅި ސަރަހައްދު ގުގުމާލައިފަ އެވެ. އިއްޔެ ވެސް ވަނީ 13 އަހަރުގެ ފިރިހެން ކުއްޖަކު 182 ގަޑިއިރު ފަހުން ސަލާމަތްކޮށްފަ އެވެ. އަދި 175 ގަޑިއިރު ފަހުން ވަނީ އަންހެނަކު ވެސް ސަލާމަތްކޮށްފަ އެވެ. އެކަމަކު ބިންހެލުން އައިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ދިރިހުއްޓާ އިތުރު މީހުން ފެނިދާނެކަމުގެ އުއްމީދު ކަމާބެހޭ ފަރާތްތަކަށް މިހާރު ދަނީ ކުޑަވަމުންނެވެ. ނަަމަވެސް ރެސްކިއު ޓީމުތަކުން ކެނޑިނޭޅި ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 35،000 އަށް އަރައިފަ އެވެ.

ސަލާމަތްކުރި ކުޑަ އަންހެން ކުއްޖާ ވަނީ ސްޓްރެޗަރުގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އިމަޖެންސީ މެޑިސިންއާ ބެހޭ ތަޖްރިބާކާރުން ބުނާ ގޮތުގައި ގިނަ ދުވަސްވާ ވަރަކަށް އޮކްސިޖަން ލިބުން ދަތިވެ، ލިބިފައިވާ އަނިޔާތައް ބޮޑުވެ، ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ކުޑަވާނެ އެވެ. މީގެ އިތުރުން ބިންހެލުން އައި ތުރުކީ އާއި ސީރިއާ އަށް މިދުވަސްވަރު ފިނިގަދަވުމަކީ ވެސް ދިރިހުއްޓާ މީހުން ސަލާމަތްކުރަން ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. ފިނިގަދަވި ވަރަކަށް ލޭހޮޅިތައް "ކުރުގެޅި" ޒަޚަމްތަކުގެ ވޭންބޮޑުވާނެ އެވެ.