ދެހާސް އެކާވީސް ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ހާސިލްކުރި ދަރިވަރު ގދ. ތިނަދޫ، މާކޮޅު ފާތިމަތު ހުޔާމް ހަލީލާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި އެވެ.

ފާތިމަތު ހުޔާމަށް ރައީސް ހިތްވަރު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނާއަށް ދެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ހުޔާމް ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން ހުޔާމްގެ މި ކާމިޔާބީއާ ގުޅިގެން އޭނާގެ އާއިލާއަށާއި، ސްކޫލް، އަލްމަދްރަސަތުލް ޢަރަބިއްުޔަތުލް އިސްލާމިއްޔާއަށް ރައީސް މަރުހަބާ އާއި ތަހުނިޔާ ވިދާޅުވި އެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ޔުނިވަރސިޓީ ތަޢުލީމުގެ މަރުޙަލާގައި ވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ފާތިމަތު ހުޔާމް ހަލީލް ވަނީ، ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން، 13 މާއްދާއިން އޭ ސްޓާ ހޯއްދަވައިފަ އެވެ. އާކިޓެކްޗަރގެ ދާއިރާއިން ކުރިޔަށް ދިޔުމަށް ގަސްދު ކުރައްވާ ހުޔާމް، މަތީ ތައުލީމް ހާސިލްކުރެއްވުމަށް ނިންމަވާފައި ވަނީ، މެލޭޝިޔާގެ "އިންފްރާސްޓްރަކްޗަރ ޔުނިވަސިޓީ ކުއާލާލަމްޕޫރު"އިން، "ބެޗްލަރ އޮފް ސައިންސް އިން އާކިޓެކްޗަރ ސްޓަރޑީޒް" އެވެ.

ހުޔާމަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރިޝިޕް ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންގެ އިތުރުން، ހުޔާމްގެ މަންމަ އާއި އަލްމަދަރްސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަޒްމާ ބައިވެރިވެވަޑައިގެންނެވި އެވެ.