އަންކާރާ (16 ފެބްރުއަރީ) - ތުރުކީއާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެނަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުން އެބަދެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ސްކޭމަރުންނާއި ކޮން އާޓިސްޓުން އަންނަނީ ބިންހެލުމުގެ އަސަރުކުރި މީހުންނަށް އެހީވުމަށް ފައިސާ ހޯދަން ކަމަށް ބުނެ ބޮޑު ކެމްޕެއިންއެއް ހިންގަމުންނެވެ.

އެގޮތުން ޓްވިޓާ އާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ތުރުކީ ބިންހެލުމުގެ ފޮޓޯތައް ކަމަށް ބުނާ އަސަރުގަދަ ފޮޓޯތަކެއް ހިމަނައިގެން ސްކޭމަރުން އަންނަނީ ފައިދާ ހޯދަމުންނެވެ.

އެހެން ނަމަވެސް ބޭރުގެ މީޑިއާތަކުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ފޮޓޯތަކަކީ ބިންހެލުމުގެ މާ ކުރިން ވެސް އެފަދަ ގިނަ ސްކޭމްތަކުގައި ބޭނުން ކުރަމުން އަންނަ ފޮޓޯތަކެކެވެ.

މި ސްކޭމްތަކުގައި ޖެހި މިހާތަނަށް ވެސް ގިނަ ބަޔަކު ފައިސާ ދީފައިވާއިރު ސްކޭމަރުން މިފައިސާތައް ބޭނުންކޮށްގެން ގާނޫނާ ޚިލާފު ކަންކަން ކުރަމުންދާނެ ކަމަށް މާހިރުން ބުނެ އެވެ.

އެހެން ކަމުން އެހީ ދިނުމުގައި ސަމާލު ވުމަށާއި އޮންލައިންކޮށް އެހީ ދޭއިރު އެ ދެވެނީ ކޮން މެދުވެރިއެއް ބޭނުންކޮށްގެން ކަން ޔަގީންކުރަން ތަޖުރިބާކާރުން ލަފާދެ އެވެ. -- އަލް އަރަބިއްޔާ