ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ރާއްޖެއިން އިތުރު 35 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،122 ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 34 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހެކެވެ.

މާލޭގެ ކޭސްތައް ކުރިއަށްވުރެ އިތުރުވީ މާލޭގައި ބޭއްވި ކައިވެނި ޕާޓީއަކަށް ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު ގޮސްގެން އެމީހުންގެ ފަރާތުން މީހުންގެ ގަޔަށް ބަލި އެރުމުންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 13،618 އަށް އަރައިފަ އެވެ. އޭގެތެރެއިން 13،050 މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.

މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 513 އެވެ. އޭގެތެރެއިން 39 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ. އަދި އެކަކަށް އައިސީޔޫގައި ފަރުވާދެމުންދެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 48 މީހުން ވަނީ މަރުވެފަ އެވެ.