މާފުށީ ޖަލުގެ ހަރުކަށި ފިކުރުގެ މީހުން ބައިތިއްބާ ޔުނިޓުގައި ތިބި ގައިދީންނަށް ކެއުން ނުދިން މައްސަލައެއް ހޫނުވެ، އެ ޔުނިޓުގައި ތިބި ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުން ވެސް ތިބެނީ ހަރުކަށި ފިކުރުގެ މީހުން ތިބޭ މި ޔުނިޓުގަ އެވެ. އެއީ ޖަލުގެ 14 ވަނަ ޔުނިޓްގަ އެވެ.

މި ޔުނިޓުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެ ޔުނިޓުގައި ތިބި ގައިދީންނަށް ކާންދީފައި ނުވާކަމަށް ބުނެ އެވެ.

ގައިދީންގެ ވަކީލުންގެ ފަރާތުން ބުނެފައިވަނީ އެ ދުވަހު ކާން ނުގެނައީ ކީއްވެތޯ 15 ވަނަ ދުވަހު ގައިދީން އޮފިސަރުންނާއި ސުވާލުކޮށް، ކާން ނުގެނައި ސަބަބު ލިޔުމަކުން އަންގަން އެދުމުން ކަރެކްޝަނުން އެކަމާ ދެކޮޅުހަދާފައިވާ ކަމަށެވެ. އަދި އެ ޔުނިޓުގެ ގޮޅިތައް ބަލައި ފާސްކުރަން ވަދެ، ގައިދީންގެ އަންނައުނާއި ކާން ގެންގުޅޭ ތަށިތައް ފަދަ އަސާސީ ތަކެތި އަތުލައިގެން ގެންދާ ކަމަށް ވަކީލުން ބުނެފައިވެ އެވެ.

ހަރުކަށި ޔުނިޓުގައި މިހާރު ތިބި 17 މީހުންގެ ތެރެއިން 15 މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.